ސެމްސަންގް ނިއުޒީލެންޑުން އެ ކުންފުނީގެ ގެލެކްސީ ޒީ ފޯލްޑް 8 އިޝްތިހާރުކުރުމަށް "ޓިމް ކުކް" ނަމަކަށް ކިޔާ މީހަކު ހިމަނައިގެން އާ ކެމްޕޭނެއް ފަށައިފިއެވެ. ނޯޓްބުކްޗެކް އަދި ޑިޒައިންޓެކްސީ ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިޝްތިހާރުގައި ފެންނަނީ އެޕަލް ކުންފުނީގެ ކުރީގެ ސީއީއޯ ޓިމް ކުކްއެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ނިއުޒީލެންޑުގެ ޕާމަރސްޓަން ނޯތުގައި ހުންނަ ހާކޯޓްސް ކުންފުނީގެ ރިއަލް އެސްޓޭޓް އޭޖެންޓެކެވެ.
ސެމްސަންގުން އާންމުކޮށްފައިވާ ކުރު ވީޑިއޯ ފެށެނީ، ޓިމް ކުކްގެ އިއުލާނެއް އެބައޮތް ކަމަށާއި، މި ފަހަރު އެ އިއުލާން ގުޅެނީ ގެލެކްސީއާ ކަމަށް ބުނަމުންނެވެ. އެއަށްފަހު އެ މީހާގެ އަތަށް ގެލެކްސީ ޒީ ފޯލްޑް 8 ފޯނެއް ދޭ މަންޒަރު ފެނެއެވެ. ސެމްސަންގުން މި ކެމްޕޭން ކުރިއަށްގެންދަނީ އެޕަލް ކުންފުނިން އެ މީހުންގެ ފުރަތަމަ ފޯލްޑަބަލް ފޯނު ކަމަށްވާ "އައިފޯން ޑުއޯ" ދާދި ފަހުން އިއުލާންކޮށްފައި ވަނިކޮށެވެ.
އެޕަލްގެ ސީއީއޯގެ މަގާމުގައި ހުރި ޓިމް ކުކް ދާދި ފަހުން ވަނީ އެ މަގާމުން ވަކިވެފައެވެ. އަދި މިހާރު އެ ކުންފުނީގެ ސީއީއޯއަކީ ޖޯން ޓާނަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސެމްސަންގުން 2019 ވަނަ އަހަރުން ފެށިގެން ފޯލްޑަބަލް ފޯނު އުފައްދަމުން އަންނައިރު، ޖުލައި މަހު ނެރުނު ގެލެކްސީ ޒީ ފޯލްޑް 8 ގެ ބަރުދަނަކީ 201 ގްރާމެވެ. މިއީ އެ ކުންފުނިން މިހާތަނަށް ނެރުނު އެންމެ ލުއި ފޯލްޑް ފޯނު ކަމަށް ސެމްސަންގުން ބުނެފައިވެއެވެ.
މީގެ ކުރިންވެސް ސެމްސަންގުން ވަނީ އެޕަލްގެ އުފެއްދުންތަކާއި މާކެޓިން ކެމްޕޭންތަކަށް ރައްދުދީ އެކި އިޝްތިހާރުތައް ހަދާފައެވެ. މި ކެމްޕޭނަކީވެސް އެޕަލްގެ އާ ފޯލްޑަބަލް ފޯނާ ވާދަކުރުމުގެ ގޮތުން ސެމްސަންގުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ކޮމެންޓް