އިންޑިއާގެ އުދޭޕޫރުގައި ހުންނަ ފަސްތަރީގެ ހޮޓަލެއްގައި 10 ދުވަހު ތިބުމަށްފަހު، 5.74 ލައްކަ ރުޕީސްގެ ބިލު ނުދައްކައި ދިއްލީގެ އާއިލާއަކުން ފުރައިގެން ހިނގައްޖެ ކަމަށް ބުނެ އެ ހޮޓަލުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުދޭޕޫރުގައި ހުންނަ "ދި އޮބެރޯއި އުދައިވިލާސް" ހޮޓަލުގައި އޮގަސްޓު 14 އިން 23 އަށް މަޑުކުރީ ދިއްލީއަށް ނިސްބަތްވާ އަނޫރާގް ޔާދަވް ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަންހެނުންނާއި ދެ ކުދިންނެވެ.
އޮގަސްޓު 24 ވަނަ ދުވަހު އެ އާއިލާ ހޮޓަލުން ނުކުތްއިރު، ހޮޓަލުގެ ކެއުމާއި އެހެނިހެން ހިދުމަތްތަކާއެކު ޖުމްލަ 5.74 ލައްކަ ރުޕީސްގެ ބިލެއް އެ މީހުންނާ ހަވާލުކުރި ކަމަށް ހޮޓަލުގެ މެނޭޖްމަންޓުން ބުނެފައިވެއެވެ.
ހޮޓަލުގެ ލިއޭޒަނިން މެނޭޖަރު ރަވިންދުރަ ސިންގް ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި، އެ އާއިލާގެ ބުކިން ހަދާފައިވަނީ އޮގަސްޓު 12 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް "މޭކަރ ބަހާ ޓްރެވަލް އޭޖެންސީ" އިންނެވެ. ބިލު ދައްކަން އިންކާރުކޮށް ޔާދަވް ބުނީ އެ ފައިސާ ދައްކާނީ އެ ޓްރެވަލް އޭޖެންސީން ކަމަށެވެ. ނަމަވެސް، ފައިސާ ދެއްކުމާ ގުޅޭ އެއްވެސް ހާއްސަ އެއްބަސްވުމެއް ނުވަތަ ޑިސްކައުންޓެއް އެ އޭޖެންސީއާއެކު ހަދާފައި ނުވާނެ ކަމަށް ހޮޓަލުން ބުނެފައިވެއެވެ. ހޮޓަލުން ގުޅުމުން، އެފަދަ އެއްބަސްވުމެއް ޔާދަވްއާއެކު ވެސް ހަދާފައި ނުވާނެ ކަމަށް އެ ޓްރެވަލް އޭޖެންސީން ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އުދޭޕޫރުގެ އަމްބަމާޓާ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޓްރެވަލް އޭޖެންސީއާއި ފަތުރުވެރިޔާ ގުޅިގެން ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލައެއް ކަމަށް ބެލެވެއެވެ. އަދި މި މައްސަލައިގައި ޓްރެވަލް އޭޖެންސީގެ ދައުރެއް ވޭތޯ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް