ޚަބަރު

ދިވެހި މަހުގެ ބާވަތްތަކަށް އިންޑިއާގެ މާކެޓުގައި ތަރުހީބު އޮތް މިންވަރު ބެލުމަށް ދިރާސާއެއް

ރާއްޖޭގެ މަހުގެ ބާވަތްތަކަށް އިންޑިއާގެ މާކެޓުގައި ތަރުހީބު އޮތް މިންވަރު ބެލުމަށް ދިރާސާއެއް ހަދަން ފަށައިފިއެވެ.

ރާއްޖޭގެ މަހުގެ ބާވަތްތައް އިންޑިއާގެ މާކެޓުގައި އިތުރުކުރުމުގެ ގޮތުން ތަރުހީބު އޮތް މިންވަރު ބެލުމަށް އެ ދިރާސާ ހަދަމުން އަންނަނީ އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ, ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް (ފިކީ) އިންނެވެ.

ފިކީން އެކަމުގެ ދިރާސާ ހަދަމުން އަންނަކަން އެ ޖަމިއްޔާއިން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ދިވެހި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުން އިންޑިއާއަށް ޒިޔާރަތްކުރި ދިވެހި ނޫސްވެރިންނާއެކު ބޭއްވި އެ ބައްދަލުވުމުގައި ފިކީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ފިކީގެ ދެކުނު އޭޝިއާ އާއި އެފްރިކާގެ ޑިރެކްޓާ ޖެނެރަލް ދީޕްތީ ޕަންޓް ވިދާޅުވީ މިހާރު އިންޑިއާގައި ކަނޑުމަހުގެ ބާވަތްތަކަށް މަގުބޫލުކަން ބޮޑު ކަމަށާއި ރާއްޖެއިން އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކަށް ވެސް ޑިމާންޑު ބޮޑުވާނެ ކަމަށެވެ.

"ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކަށް އިންޑިއާގެ މާކެޓުގައި ތަރުހީބު އޮތް މިންވަރު ބެލުމަށް އަންނަނީ ދިރާސާތަކެއް ހަދަމުން. ދިވެހި ކަނޑުމަހުގެ ބާވަތްތަކަށް ޑިމާންޑު އޮންނާނެ," އޭނާ ވިދާޅުވިއެވެ.

ފިކާ އިން ވަނީ ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާއާ ގުޅިގެން ކުރިން ވެސް މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގައި އެކި އެކްސްޕޯތައް ކުރިއަށްގެންދެވުނުކަން ވެސް ފާހަގަކުރިއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއަށް ރާއްޖެއިން މަސް އެތެރެކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވައިފައެވެ. އަދި އިންޑިއާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ މައާފުކޮށްދިނުމަށް ވެސް ޖައިޝަންކަރު ވަނީ ދިވެހި ސަރުކާރުގައި އެދިވަޑައިގެންފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ރާއްޖޭގައި މަސްވެރިކަން ފުޅާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން ޅ. ފެލިވަރުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖުގެ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީ އާއި ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި އެކަންކަމާ ގުޅޭ އެހެނިހެން ވަސީލައްތައްވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

އެ މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

އެ މަޝްރޫއާ ގުޅޭގޮތުން މިދިިޔަ މަހުގެ ފަހުކޮޅު އިކޮނޮމިކް މިނިސްޓްރީން ބުނީ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި، ބީލަމުގެ މަރުހަލާ ފަށާފައިވާ ކަމަށެވެ.