ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޕީޕީއެމުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެޕާޓީގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާއަށް ގެނައި ބަދަލުން ޕާޓީގެ ކައުންސިލަށް އިތުރުކޮށްފައިވާ 10 މެމްބަރުންނާއި ހުސްވެފައިވާ ދެ މަގާމަކާއެކު ޖުމްލަ 12 މެމްބަރުންގެ މަގާމަށާއި ޕީޕީއެމްގެ ކައުންސިލުން ހުސްވެފައިވާ އަންހެނުންގެ ފަސް މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ޕީޕީއެމްގެ ކައުންސިލަށް އިތުރުކުރާ މަގާމުތަކަށާއި ކައުންސިލުން ހުސްވެފައިވާ އަންހެނުންގެ މަގާމުތަކަށް ޝައުގުވެރިވާ ޕީޕީއެމްގެ މެމްބަރުން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހޭނީ އެ ޕާޓީގެ މައި އޮފީހަށް ނުވަތަ މެއިލް ކުރަން ޖެހޭނީ [email protected] އަށެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ ނުވަ ވަނަ ދުވަހެވެ.

ޕީޕީއެމްއަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެ ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެޕާޓީގެ މެމްބަރުންގެ ގޮތުގައި 34،368 އެބަތިއްބެވެ.

ޕީޕީއެމްއަކީ 2011 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ޕާޓީއެކެވެ. އެ ޕާޓީގެ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. ޕީޕީއެމް ރަޖިސްޓްރީ ކޮށްފައިވަނީ ވެސް ޔާމީންގެ ނަންފުޅު މަތީގައެވެ.