ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް އެންވަޔަރުމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު (ސީއޯއޯ) ޝާހިދު ހުސައިން މޫސާއެވެ.
އެމްޓީސީސީން ބުނީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެއް ކަމަށެވެ.
އެގޮތުން ކޮންމެ ރަށެއްގައިވެސް ފުރަތަމަ މަރުހަލާގައި އުފެދޭ ކުނި ޖަމާކުރެވޭ ފެސިލިޓީއަކީ އެސްޓޭޝަންތަކެވެ. ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކަށް އެކަށީގެންވާ ވަރަށް ކުނިޖާމާކުރެވުމުން ކުނި ވަކިކޮށް ރީސައިކަލްކުރުމަށް ހާއްސަކުރެވިފައިވާ ފެސިލިޓީއަކަށް ކުނި ބަދަލުކުރާނެއެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތްތަކުގެ ތެރޭގައި ސައިޓް ކްލިއާ ކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި ޕެރިމީޓާ ޑްރެއިން ކުރުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 7.67 މިލިއަން ރުފިޔާއަށް 140 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު