މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަރުގެ ހުކުމް ތަންފީޒުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒު ކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ސިޔާސަތަކީ އެކަމާ ގުޅޭގޮތުން މިހާރުވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ.
"މިއީ މި ސަރުކާރުން އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މި ރާއްޖޭގައި އަމަލު ކުރަމުން އައި ގޮތް،" އިމްރާން ވިދާޅުވިއެވެ.
ވޭތުވެދިޔަ ތަނުގައި ސިޔާސީ ބޭނުމުގައި އެކި ސަރުކާރުތަކުން އެކި ފަހަރު އެކި ގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާ ގުޅުވައިގެން ވާހަކަ ދައްކާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި މައްސަލައިގައި އަމަލުކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެެއްވެސް ސަރުކާރަކުން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.
އިމްރާން އެގޮތަށް އިޝާރާތް ކުރެއްވީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށްގެންދިޔަ މަަސައްކަތްތަަކަށް އިޝާރާތް ކުރައްވައެވެ.
އިމްރާންގެ އެ ވާހަކަތަކާ ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމްދީނަށްވުރެ އިމްރާނަށް މިނިސްޓަރުކަމުގެ މަގާމު މުހިންމުވި ވަރު މިއަދު ފެނިއްޖެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށެވެ.
ހުކުމް ތަންފީޒު ނުކުރާނަމަ މަރުގެ ހުކުމް އިއްވާފައިވާ މީހުން ޖަލުގައި ގެންގުޅޭ ގާނޫނީ އުސޫލާ ބެހޭގޮތުން ވެސް ޑރ. ޖަމީލު ވަނީ ސުވާލު އުފައްދަވައިފައެވެ.
"ދީނަށް ވުރެ އިމްރާނަށް މަގާމު މުހިންމުވީ މިންވަރު މިއަދު ހާމަވެެއްޖެ. މާތްﷲ ގެ ހުކުމަށް ގޮންޖެހީތޯ. ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ. އެމީހުން ޖަލުގައި ގެންގުޅެނީ ކޮން ގާނޫނަކުން ބާރުލިބިގެން؟" ޑރ. ޖަމީލު ވިދާޅުވިއެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ތަހުގީގު އަދި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.
އެ ގަވާއިދުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރެވޭނީ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު މަރުގެ ހުކުމް އިއްވައިފިނަމައެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާ އާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މީޑިއޭޓްކުރަންވާނެއެވެ. އަދި މީޑިއޭޓްކުރުމުގެ ދައުރު އަދާކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހާގެ މައްޗަށް ހަތް ދުވަހުގެ ތެރޭގައި އެ ހުކުމް ތަންފީޒުކުރަން ޖެހޭނެއެވެ. އަދި އެމީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހުކަން ބަޔާންކޮށް ޕްރޮސެކިއުޓާ ޖެނެރަލް، ކޮމިޝަނާ އޮފް ޕްރިޒަން އަދި އުއްތަމަ ފަނޑިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހާގެ ހުކުމް ފަސްކުރެވޭނެ ހަލާތްތައް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެއީ 18 އަހަރު ނުފުރޭ ކުދިންނާއި މާބަނޑު މީހުންނާއި ބަލި ހާލު ދެރެވެފައިވާ މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމަށް މާފުށީ ޖަލުގައި ވަނީ އެކަމަށް ހާއްސަ މަރުކަޒެއް ހަދައި ވާންޖެހޭ ހުރިހާ ތައްޔާރީތައްވެސް ވެފައެވެ. ނަމަވެސް ދައުރު ނިމިގެން ދިޔަ އިރުވެސް އެކަން ތަންފީޒުކުރައްވައިފައެއް ނުވެއެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1953 ގައި ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައެވެ.