ބާސެލޯނާގައި ޖެރާޑް ޕީކޭއާ އެންމެ ގާތްކޮށް ފެންނަ ރިކާޑް ޕުއީގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އިރު، ޖެރާޑް ޕީކޭ އޭނާއާ ގުޅޭނެ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ޕީކޭއަށް ސަމާލުކަން ހުއްޓިފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން 11 އަހަރު ހޭދަކުރި ބައިވެރިޔާ، ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާއާ ދެމީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާކަން އިއުލާން ކޮށްފައިވުމާ ގުޅިގެންނެވެ. އެކަން އިއުލާންކޮށް ޝަކީރާއާއި ޕީކޭ ވަނީ ރަސްމީކޮށް ބަޔާނެއްވެސް ނެރެފައެވެ. ބަޔާނުގައި ބުނެފައިވަނީ މިވަގުތަށް ދެމީހުންގެ ދަރިންނަށާއި ކުރިއަށް އޮތް ދިރިއުޅުމަށްވެސް އެންމެ ރަނގަޅު ގޮތަކީ ވަކިވުން ކަމަށް ފެންނަ ކަމަށެވެ.

ޝަކީރާއާއި ޕީކޭއަށް އެކުގައި ދެ ކުދިން ލިބިފައިވެއެވެ. އެއީ އުމުރުން ނުވަ އަހަރުގެ މިލާންއާއި އުމުރުން ހަތް އަހަރުގެ ޝާޝާއެވެ. ދެމީހުން ލޯބީގެ ގޮތުން ދުރުވާން ނިންމީ މިލާންއާއި ޝާޝާއަށް ވިސްނާފައި ކަމަށް ބަޔާނުގައިވެއެވެ.

ލޯބީގެ ގޮތުން ދުރަށް ޖެހުނުފަހުން ޝަކީރާއާއި ޕީކޭ އެންމެފަހުން އެކުގައި ފެނިފައިވަނީ ޗެކު ރިޕަބްލިކުންނެވެ. އެއީ ދަރިފުޅު މިލާންގެ ފުޓުބޯޅަ ވީކެންޑް އަކަށް އާއިލާ އެކުގައި އެގައުމަށް ގޮސްގެން އުޅެނިކޮށެވެ. ޗެކު ރިޕަބްލިކްގައި ދެމީހުން އެކުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއްވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެއެވެ. އެ ފޮޓޯގައި ފެންނަނީ ދެމީހުންވެސް ހިނިތުންވުމާއެކު ތިބި ތަނެވެ.

ސްޕެއިންގެ ނޫސްތަކުން ބުނެފައިވަނީ އާ ސީޒަން ފެށުމުގެ ކުރިން އަމިއްލައަށް ސިކުނޑި ހަމަޖައްސާލަން ޕީކޭ ޗުއްޓީއަށް އަންނާނީ ރާއްޖެއަށް ކަމަށެވެ. އެގޮތުން އޭނާގެ އެންމެ ގާތް ޕާޓްނަރު، ބާސާގެ ޕުއީގާއެކު ރާއްޖެއަށް އައުމަށް ޕީކޭ ނިންމާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ޕުއީގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ލެ މެރިޑިއެން މޯލްޑިވްސްގައެވެ. އޭނާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ލޯބިވެރިޔާ ގެމާ އިގްލީސިއަސްއާވެސް އެކުގައެވެ.