ޚަބަރު

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ އެމްޑީއޭ އާއި އެމްއެންޕީންވެސް ކުށްވެރިކޮށްފި

އަލީ ޔާމިން

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ބީޖޭޕީގެ އިސް ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ކުށްވެރިކޮށްފިއެވެ.

ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕުރު ޝަރުމާ ރަސޫލާގެ ކައިވެނިފުޅާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކައި، އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސޫލާ އާއި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު އިންޑިއާގެ ސަރުކާރުން ދީގެން ނުވާނެ ކަމަށެވެ.

"ނަފްރަތު އުފައްދަން ފަތުރާ އެފަދަ އެއްވެސް ވާހަކައެއް އަހަރެމެން ބަލައެއް ނުގަންނާނަން،" ސިޔާމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ބީޖޭޕީ ވާން ޖެހޭނީ ހުރިހާ އެންމެންގެ ކަރާމާތް ނަގަހައްޓާ ޕާޓީއަކަށް ކަމަށެވެ. ނަމަވެސް ބީޖޭޕީގެ އިސް ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމަކަށް ރީތި ގޮތުގައި މައާފަށް އެދި ފިޔަވަޅު އެޅުމަށް އެމްއެންޕީން ވަނީ ގޮވާލައިފައެވެ.

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރްއެމް އިންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އިދިކޮޅު ޕީޕީއެމުންވެސް ވަނީ އެ މައްސަލަ ކުށްވެރިކޮށްފައެވެ.