ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑީޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދާއެކު ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްވެސް ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ. އެއީ ހުސްވި އޭޕްރީލް މަހުގެ ތެރޭގައެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގެންފައިވާ ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާތީއެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއް ކަމަށެވެ. އަދި ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް މަޖިލީހުން ކަނޑައަޅާފައި ނެތް ކަމަށާއި ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ މާލީ ހާއްސަ ލުއިތަކަކާއެކު އަދި އެ ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލައި އާންމު އުސޫލުތަކުގެވެސް ބޭރުން ކަމަށް ބުންޏެވެ.

ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި އެ ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އޭޕްރީލް 25 ގައެވެ.

ނަމަވެސް އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ފާސްކޮށް އެ މައްސަލައިގެ ރިޕޯޓް ޖުޑިޝަރީ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވިއެވެ. އެ މައްސަލަ ތަޅުމަށް ފޮނުވާފައި ވަނިކޮށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް ހުސްވި ޖުލައި މަހު ވަނީ އިސްތިއުފާދެއްވައިފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މަޖިލިސް ތަޅުމުން ގޮތެއް ނިންމާފައިވަނީ އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހުގައެވެ. ނަމަވެސް ބަހުސްގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އެގޮތުން މަޖިލިސް މެންބަރުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ އެ ކޮމިޝަންގެ ރައީސް، ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހަސަންއާއި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީއާއި އެ ކޮމިޓީގެ އެހެން މެންބަރުންނާމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ކުރިއަށްދިޔައެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީގެ ގާނޫނަަށް ދެވަނަ އިސްލާހު ގެނައި ފަހުން އެއް އިޖުރާއަތްތަކެއްގެ މައްޗަށް ތަހުގީގުކޮށް ޖޭއެސްސީން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް 99 ރިޕޯޓު ފޮނުވާފައިވާ ކަމަށާއި އެ މައްސަލަ ފިޔަވައި އެ 99 ރިޕޯޓުގެ ތެރެއިން އެހެން އެއްވެސް ރިޕޯޓެއް އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ކޮމިޓީން ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން މަޖިލިސް ކޮމިޓީން އެންމެނާ ދޭތެރޭ އަމަލުކުރަންޖެހޭނީ އެއްގޮތަކަށް ކަމަށް ހިސާން ވިދާޅުވިއެވެ.

އެ މައްސަލައިގައި އެމްޑީޕީ ޕީޖީ ގުރޫޕުގައި ހިޔާލުތަފާތުވުން ބޮޑުވެފައިވުމުގެ ސަބަބުން ފަނޑިޔާރު ވަކިކުރުމަށް ވޯޓު ދޭން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

މިއަދު ފުރަތަމަ ވޯޓަށް އެހީ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އެ މައްސަލަ އަނބުރާ ޖޭއެސްސީއަށް ފޮނުވައިލުމަށެވެ. ނަމަވެސް އެވަގުތު ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން އެ ރިޕޯޓު ފޮނުވާލުމަށް ވޯޓު ދެއްވީ އެންމެ 18 މެންބަރުންނެވެ. ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވިއެވެ.

އެހެންކަމުން ދެން ވޯޓަށް އެހީ ފަނޑިޔާރު ވަކިކުރުމަށެވެ. އެ ވޯޓުގައި ފަނޑިޔާރު ވަކިކުރަން ވޯޓު ފެންނަ ކަމަށް 72 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވި އިރު، އެކަމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.