ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ހދ. ނައިވާދޫގައި މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ނައިވާދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ.

އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެއެވެ. އަދި ދިރާގު ޓީވީއަށް އެޕްލައިކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ނައިވާދޫ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، މީގެ ތެރޭގައި 85 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.