ޚަބަރު

އެމްއެމްއޭއިން ދަރަނި ނެގުމާ ބެހޭ މާއްދާތަކުގެ ސަސްޕެންޝަން އުވާލަން ގަރާރެއް ހުށަހަޅަނީ

އިބްރާހިމް ޒަކީ

ކޮވިޑް-19އާ ގުޅިގެން ދިމާވި އިގުތިސާދީ މައްސަލަތައް ހައްލުކުރުމަށް، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފައިސާ ނެގުމަށް ސަރުކާރަށް ހުއްދަ ދިނުމަށްޓަކައި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑު ކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނައުމަށް އިދިކޮޅު ޕީއެންސީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ގަރާރެއް ހުށަހެޅުއްވުމަށް މަޖިލީހަށް ފޮނުވައިފިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އެމްއެމްއޭއިން ލޯނުގެ ގޮތުގައި ދައުލަތުން ފައިސާ ނެގުން އޮންނަނީ ލިމިޓްކޮށްފައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އެކަމާ ގުޅޭ މާއްދާތައް ސަސްޕެންޑުކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ ދެ ފަހަރެއްގެ މަތިން ފިނޭންސް މިނިސްޓްރީއަށް ލޯނު ނެގުމުގެ ހުއްދަ ދީފައެވެ.

ސައީދުގެ ގަރާރުގައި ބުނެފައިވަނީ، އެމްއެމްއޭއިން ދަރަނި ނެގުމަށް އެންމެ ފަހުން މަޖިލީހުން ހުއްދަ ދިން މުއްދަތު ހަމަވާނީ 31 ޑިސެމްބަރު 2023 އަށް ކަމުގައިވީ ނަމަވެސް، އެ މުއްދަތު ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ކަމަށެވެ.

އެމްއެމްއޭއިން ދަރަނި ނެގުމުގެ ހުއްދަދީ މަޖިލީހުން ސަސްޕެންޑު ކޮށްފައިވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، ރ، އަދި ބ. މާއްދާއެވެ.

ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށް ނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ. އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނެ މިންވަރެއްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

އެ މާއްދާގެ (ރ)ގައި ވަނީ ޖެނުއަރީ 1، 2016 އިން ފެށިގެން ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނަަގަން ވާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އިގުތިސޯދީ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ދަރަނި އަދާކުރުމަށް ދަރަނި ނެގުން އެ މާއްދާއިން ވަނީ މަނާކޮށްފައެވެ.

އެ މާއްދާގެ (ބ)ގައި ބުނަނީ (ރ)ގައިވާ އުސޫލުގެ އިސްތިސްނާ ހާލަތެވެ. އެއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރަން އެމްއެމްއޭއިން ފައިސާ ނަަގަން ދީފައިވާ ހުއްދައެވެ. އެ މާއްދާގައިވާ ގޮތުން އެގޮތަށް ނަގާ ފައިސާ 14 ދުވަހުގެ ތެރޭގައި އެމްއެމްއޭއަށް އަނބުރާ ދައްކަން ޖެހޭނެއެވެ.

ސައީދުގެ ގަރާރުގައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އެ މާއްދާތައް ލިޔެފައިވަނީ ލޯނުތައް ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓައި، ހަރުދަނާ އިގުތިސާދީ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް ކަމަށެވެ.

ނަމަވެސް ބަލިމަޑުކަމުގެ ހާލަތު، އާންމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށާއި ރާއްޖޭގެ ޖީޑީޕީވެސް 13 ޕަސެންޓް ކުރިއަރައި އިގުތިސާދުވެސް ރަނގަޅުވާނެ ކަމަށް ސަރުކާރުންވެސް ބުނެފައިވާތީ، އެ ހާލަތުގައި އެ މާއްދާތައް ސަސްޕެންޑު ކޮށްފައި އޮތުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.