ޚަބަރު

އައްޑޫ މަގު ހެދުމާއި ލިންކް ރޯޑުގެ މަސައްކަތް ދީފައިވާ މުއްދަތަށް ނިންމާނަން: އެފްކޮންސް

އިންޑިއާގެ އެފްކޮންސް އިން އައްޑޫ ސިޓީގައި ހިންގާ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށްގެންގޮސް, ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ފަރާތުން އިންޑިއާއަށް ކުރި ދަތުރުގައި ބައިވެރިވި ދިވެހި ނޫސްވެރިންނާ މިދިޔަ ހަފުތާގެ ތެރޭގައި ބައްދަލުކޮށް, އެފްކޮންސް އިން ވަނީ ރާއްޖޭގައި އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދީފައެވެ.

އެފްކޮންސް އިން ކުރިއަށްގެންދާ އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަސައްކަތްތަކާއި ލިންކް ރޯޑުގެ މަސައްކަތާ ގުޅޭގޮތުން އެކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރު އާރްވީއާރް ކިޝޯރު ވިދާޅުވީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތްތައް ނިންމައިލެވޭނެ ކަމަށެވެ.

"ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބުރިޖުގެ މަޝްރޫއުގެ އިތުރުން އައްޑޫގެ މަގު ހެދުމާއި ލިންކް ރޯޑުގެ މަޝްރޫއު ވެސް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމައިލެވޭނެ," އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަސައްކަތްތަކާއި ލިންކް ރޯޑުގެ މަސައްކަތް ނިންމުމަށް އެފްކޯންސްއަށް ދީފައިވަނީ ދެ އަހަރު މުއްދަތެކެވެ. އެ މަސައްކަތްތައް އެފްކޮންސްއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެ މަޝްރޫއު އެފްކޮންސްއާ ހަވާލުކުރީ 1.1 ބިލިއަން ރުފިޔާއަށެވެ.

ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ)ގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ނިޒާމުގެ ޖުމުލަ ދިގުމިނުގައި 103 ކިލޯމީޓަރު ހުންނާނެއެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރު މަގުތަކުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔަރު އަޅާނެއެވެ. އޭގެ ބޭނުމަކީ ފެން ހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިކުރުމެވެ.

އައްޑޫގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެެ ތެރެއިން 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިންގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެއެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމާއި ސީސީޓީވީ ކެމެރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫއާ ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އާ ހަތަރު ލޭންގެ ޑީޓުއާ ލިންކު ރޯޑެއް ވެސް އެ މަޝްރޫއުގެ ދަށުން ގާއިމުކުރާނެއެވެ.

އައްޑޫގެ މަޝްރޫއުގެ އިތުރުން އެފްކޮންސް އިން ރާއްޖޭގައި ކުރިއަށްގެންދާ އަނެއް މަޝްރޫއަކީ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖު މަޝްރޫއެވެ.

އެ މަޝްރޫއާ ގުޅޭގޮތުން ކިޝޯރު އެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެ މަޝްރޫއު ވެސް ނިންމުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.

"ދިވެހިން މާޔޫސްވާ ކަމެއް ދިމައެއް ނުވާނެ. ނިންމުމަށް ތާވަލުކޮށްފައިވާ މުއްދަތުގެ ތެރޭގައި ބުރިޖުގެ މަސައްކަތް ނިންމައިލެވޭނެ. އަންނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ މެދުތެރޭގައި މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ކިޝޯރު ވިދާޅުވީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ގުޅިފަޅަށް ބުރިޖު ގުޅައިލުމުގެ މަސައްކަތް ނިމޭނެ ކަމަށާއި އަދި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ މަޝްރޫއު އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން މަޝްރޫއުގެ މަސައްކަތުގައި 1000 މީހުންގެ ބޮޑު ޓީމަކުން ހަރަކާތްތެރިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.