Close
ޚަބަރު

ވިނަރެސް ފްލެޓް ގަންނަން އަންނަ ހަފުތާގައި ހުޅުވާލަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ވިނަރެސް ފްލެޓުތައް އާއްމުންނަށް ވިއްކަން އަންނަ ހަފުތާގައި ހުޅުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން މިހާރު ވަނީ ވިނަރެސް ފްލެޓްގެ 'މޮކް އަޕް' އެޕާޓްމަންޓް ބަލާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފައެވެ.

އެޗްޑީސީގެ މީޑީއާ އޮފިޝަލު އަލީ މަޝާރު މިއަދު 'ވަން' އަށް ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއް ތެރޭ ވިނަރެސް ފްލެޓް ގަންނަން ބޭނުންވާ އާއްމުންނަށް އެ ފުރުސަތު ހުޅުވާލަން އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެެވެ.

ވިނަރެސް ފްލެޓްތައް ވިއްކަން ނިންމާފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނާއި ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅިފަޅުން ފްލެޓް ދޫކޮށްލި މީހުންނަށް އަދި ބާކީ ހުރި ފްލެޓްތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މާލޭ ރައްޔިތުންނަށް ހާއްސަކުރި އަދަދުން 100 އެޕާޓްމަންޓް މާލޭގައި އުޅޭ ގިނަ ދުވަސްވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވަނީ ކަނޑައަޅައިފައެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޖުމުލަ ދިހަ ޓަވަރުގައި 1340 އެޕާޓްމަންޓް ހަދާފައިވާ އިރު، ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއުއެވެ.

އެ ހުރިހާ އެޕާޓްމަންޓަކީވެސް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނައިރު، ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނަކީ 883 އަކަފޫޓެވެ.

ވިނަރެސް އެޕާޓްމަންޓްތަކަށް އެދި ފޯމުހުށަހެޅުމުގެ ޝަރުތު ހަމަވުމުގައި ބަލާނެ ކަންކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ފައިސާ ދައްކަންޖެހޭ ޕްލޭންތައް އެޗްޑީސީން މިހާރު ވަނީ އާއްމުކޮށްފައެވެ.

ވިނަރެސް ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ޝަރުތުތައް

ރާއްޖެއަށް ނިސްބަތްވާ، އުމުރުން 18 އަހަރުވެފައިވާ މާލޭގެ ރަށްވެއްސަކަށްވުން
މާލޭގައި ރަޖިސްޓްރީވެފައި ނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާވުން
މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވާވުން

އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މާލެ ސިޓީން ރިއަލް އެސްޓޭޓް މާކެޓިން ހައުސިން ޔުނިޓެއް ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ ފަރާތަކަށް ވެގެން ނުވުމެވެ.

އެޗްޑީސީން ބުނީ، ރިއަލް އެސްޓޭޓް ހައުސިން ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަންފަށާ ނަމަ، ވިނަރެސްގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދައުލަތަށް އަނބުރާ ނެގޭނެ ކަމަށެވެ. އަދި މައި އެޕްލިކަންޓް ގޮތުގައި ހިމެނޭ ފަރާތް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް (600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު) ވިއްކާފައި އޮވެގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން އެ އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓް އަދި ކޯއެޕްލިކަންޓްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށާއި މަހަކަށްޖެހޭ ޖުމްލަ އާމްދަނީ 61،000ރ އަށްވުރެ އިތުރަށް ލިބޭ ފަރާތަކަށް އެ ސްކީމުގައި ބައިވެރިއެއް ނުވެވޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، މައި އެޕްލިކަންޓަކީ މާލެ ސިޓީން ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ގަންނަ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި އަދި ފުރަތަމަ ފަހަރަށް އެޕާޓްމަންޓެ ގަންނަ ފަރާތަކީ ފްލެޓެއް، އެޕާޓްމެންޓެއް ނުވަތަ މާލެސިޓީގައި 600 އަކަފޫޓަށް ވުރެއް ބޮޑު ބިމެއް ނެތްފަރާތްތަކަށް ވާންޖެހޭނެ ކަމަށްވެސް ބުންޏެވެ.

ވިނަރެސް ފުލެޓަށް ކުލި ދެއްކުން:

މި މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުލިދެއްކުމަށް ދެ ގޮތެއް އޮވެއެވެ.

ފުރަތަަމަ ގޮތަކީ އެޕާޓްމަންޓްގެ އަގުގެ 15 ޕަސެންޓާއި 19 ޕަސެންޓާ ދެމެދުގެ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށްފަހު ބާކީ އަދަދު 20 އަހަރަށް ބަހާލައިގެން ދެއްކުމެވެ. ދެވަނަ ގޮތަކީ އެޕާޓްމެންޓްގެ އަގުގެ 20 ޕަސެންޓް ނުވަތަ އެއަށްވުރެ މަތީ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށްފަހު ބާކީ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

އެޗްޑީސީން ބުނީ އެ ދެ އޮޕަޝަންގައިވެސް އެޕާޓްމަންޓްގެ ޑައުންޕޭމެންޓް އެއް ފަހަރާ ނުވަތަ މަޝްރޫއު ނިމޭ ތާރީހާ ހަމައަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އަދި އެޕާޓްމެންޓްގެ މަހު ކުލި ދައްކަންޖެހޭނީ އެޗްޑީސީން ނިންމާފައިވާ ގޮތުގެ މަތިން މަޝްރޫއު ނިމި، އެޕާޓްމަންޓާ ހަވާލުވާން ފަށާ ތާރީހުން ފެށިގެން ކަމަށް ބުންޏެވެ.

އެ ދެ ގޮތުން ކުރެ ކޮންމެ ގޮތެއް އިހުތިޔާރު ކުރިޔަސް ޑައުންޕޭމަންޓް ގޮތުގައި ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ދައްކަންޖެހެއެވެ.

މި އެޕާޓްމަންޓްތަކުގެ މެރީނާ ވިއު ޔުނިޓުތަކުގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 22 ޔުނިޓް ވިއްކަނީ ޔުނިޓެއް 3.1 މިލިއަން ރުފިޔާ އަށެވެ. އަދި މެދު ތެރޭގައި ހުންނަ ހަވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓް ވިއްކަނީ ޔުނިޓެއް ތިން މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.8 މިލިއަން ރުފިޔާ އަށެވެ.

އައުޓާ ވިއުގައި ހިމެނޭ 228 ޔުނިޓްގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 74 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.9 މިލިއަން ރުފިޔާ އަށެވެ. މެދު ތެރޭގައި ހުންނަ ހަ ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.85 މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.83 މިލިއަން ރުފިޔާ އަށެވެ.

އިނާ ވިއުގައި 211 ޔުނިޓްގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 58 ޔުނިޓް ވިއްކަނީ 2.88 މިލިއަން ރުފިޔާ އަށެވެ. މެދު ތެރޭގައި ހުންނަ ހަ ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.83 މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯއިން ފެށިގެން ފަސް ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.80 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ސްޓެންޑާޑް ވިއުގެ 269 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.56 މިލިއަން ރުފިޔާ އަށެވެ.