އާޖެންޓީނާގެ ލެޖެންޑަރީ ފޯވަޑް ކާލޯސް ޓެވޭޒް ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ވެސްޓް ހަމްއަށްވެސް ކުރިން ކުޅުނު ޓެވޭޒް އުމުރުން 38 އަހަރުގައި ރިޓަޔާމަންޓް އިއުލާންކުރީ އެންމެފަހުން 2021 ވަނަ އަހަރު ޖޫންއާ ހަމައަށް ބޮކަ ޖޫނިއާސްއަށް ކުޅުމަށްފަހުއެވެ. ޓެވޭޒްގެ ޅަ ދުވަސްވަރުވެސް އޭނާ އެންމެ ތާރީހީ ދުވަސްތަކެއް ހޭދަކުރި ކްލަބަކީ ބޮކަ ޖޫނިއާސްއެވެ.
ވިހި އަހަރުގެ ކެރިއަރު ޓެވޭޒް ހުއްޓާލީ މިދިޔަ އަހަރު ބައްޕަ މަރުވުމުން ކުރިމަތިވި ހިތްދަތިކަމުން އަރައިނުގަނެވިގެންނެވެ. އެކަން ޓެވޭޒް ވަނީ އޭނާގެ ވަދާއީ މެސެޖުގައިވެސް ފާހަގަކޮށްފައެވެ.
"އަހަރެން ކުޅުން ހުއްޓާލީ އަހަރެންގެ އެއް ނަންބަރު ސަޕޯޓަރު ގެއްލި ދިއުމުން. އަހަރެން ރިޓަޔާކޮށްފިން. އަހަންނަށް ހުށަހެޅުންތައްވެސް ލިބުނު ބައިވަރު. އެމެރިކާއިންވެސް އެކިއެކި ހުށަހެޅުންތައް ލިބުނު. އެހެނަސް އަހަރެން މިހާރު ދެވެން ހުރި ހުރިހާ އެއްޗެއް ފުޓްބޯޅަ ކުޅުމަށް ދީފިން. ނިމިދިޔަ އަހަރުވެސް އަހަރެން ކުޅުނީ އުނދަގުލުގައި. އެެކަމަކު އޭރު ބައްޕަ ފެނޭ، އެހެންވީމަ ހިތްވަރު ހުރި. އެކަމަކު ދެން ނުވާނެ،" ޓެވޭޒް ބުންޏެވެ.
ޓެވޭޒްގެ ބައްޕަ. ސެގުންޑޯ ޓެވޭޒް އުމުރުން 58 އަހަރުގައި މަރުވީ މިދިޔަ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. ސެގުންޑޯ މަރުވީ ކޮވިޑް-19ގެ ވޭންތަކުގައި ދުވަސްތަކެއް ތަހައްމަލުކޮށްފައެވެ.
ޓެވޭޒް ވަނީ ކެރިއަރުގައި މުހިންމު ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ޔުވެންޓަސްއާއި ބްރެޒިލްގެ ކޮރިންތިއަންސް އަދި ޗައިނާގެ ޝެންހާއީ ސެންހުއާއަށްވެސް ޓެވޭޒް ކުޅެފައިވާއިރު، އޭނާ ވަނީ 2004 ވަނަ އަހަރު އާޖެންޓީނާއާއެކު އޮލިމްޕިކްސް ރަން މެޑަލް ހޯދައިފައެވެ. ޓެވޭޒް ވަނީ ގައުމީ ޓީމަށް 75 މެޗު ކުޅެދީފައެވެ.
ގައުމީ ޓީމުގެ ކާމިޔާބުގެ އިތުރުން ޓެވޭޒް ވަނީ ކްލަބު ލެވެލްގައިވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑާއެކު ދެފަހަރަށް ލީގު ތަށި ހޯދައި، ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. 2009 ވަނަ އަހަރު ސިޓީއަށް ބަދަލުވެ، 2012 ވަނަ އަހަރު ސިޓީއާއެކުވެސް ޓެވޭޒް ވަނީ އިނގިރޭސި ލީގު ހޯދައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު