ޚަބަރު

ސްޓެލްކޯގެ ފްލެޓްތަކަށް ކުންފުނީގެ ހަރަދުގައި ކަރަންޓުލާން ނިންމައިފި

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ހަދާފައިވާ އިރު, ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެފައިވާ ގޮތުން އެތަނުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ނަމަވެސް ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމު ގުޅުމުގެ ކަންކަން އެޗްޑީސީން ހަވާލުކޮށްފައިވާ ޗައިނާގެ ބްރައުންސް-ސީއެމްއީސީ އިން އަދިވެސް އެ ފްލެޓުތަކަށް ކަރަންޓު ލާފައެއް ނުވެއެވެ. އެޗްޑީސީން ބުނާ ގޮތުގައި އެ ފްލެޓުތަކަށް ކަރަންޓު ދެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ މައްސަލައިގައި ޝަރީފު "ވަން" އަށް މިދިޔަ މަހު ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވަނީ, ސްޓެލްކޯގެ އަމިއްލަ ހަރަދުގައި އެ އިމާރާތަށް ކަރަންޓުލުމަށް އެޗްޑީސީއަށް ހުށަހަޅަން ވިސްނަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކުންފުނީގެ އަމިއްލަ ހަރަދުގައި ފްލެޓުތަކަށް ކަރަންޓުލާން ވަނީ ނިންމައިފައެވެ.

ސްޓެލްކޯގެ ފްލެޓްތަކުގެ ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.