ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާތައް ތަމްސީލުކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ކޮންގްރެސް 2022 ގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބައިވެރިވެ، ދިވެހި ނޫސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު އަޑުއުފުލައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އައިއެފްޖޭ ކޮންގެރެސްގައި އެމްޖޭއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރު މުހައްމަދު ޖުނައިދެވެ.
އެމްޖޭއޭ އިން މިއަދު ބުނީ އެ ކޮންގްރެސްގައި ރާއްޖޭގެ ނޫސްވެރިންނަށް މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ހިއްސާކޮށް އެކަންކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އޭގެ އިތުރުން އެމްޖޭއޭ އިން ކުރަމުން އަންނަ މަސައްކަތްތަކާއި ކުރަން ރާވާފައިވާ ކަންކަން އަދި އެމްޖޭއޭގެ ހަރަކާތްތަކާއި އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ކޮންގްރެސްގެ ތެރޭގައި އެމްޖޭއޭ އިން ވަނީ އައިއެފްޖޭގެ ދާއިމީ މެންބަރަކަށް ވުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ. އަދި އެމްޖޭއޭ ހިމެނޭ ގޮތުން އޭޝިއާ އާއި އޭޝިއާ ޕެސިފިކް ގައުމުތަކުގެ ނޫސްވެރިން ތަމްސީލު ކުރާ ޖަމްއިއްޔާތައް އެކުވެގެން ވަނީ "ފެޑެރޭޝަން އޮފް އޭޝިއާ ޕެސިފިކް ޖާނަލިސްޓްސް" ޔޫނިއަން އުފައްދައިފައެވެ. އެ ޔޫނިއަންގެ ރައީސަކަށް ހޮވިފައިވަނީ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ، ސަބީނާ އިންދަޖީތު އެވެ.
ނޫސްވެރިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭގޮތުން އައިއެފްޖޭގެ ދާއިމީ މެންބަރު ޖަމްއިއްޔާތަކުން އެ ކޮންގްރެސްއަށް ހުށަހެޅި ގަރާރުތަކަށް ރާއްޖެއިން ވަނީ ތާއީދުކޮށް ވާހަކަދައްކައިފައެވެ. ހާއްސަގޮތެއްގައި ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް ދިނުމަށް އެދި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް، ޕަލަސްތީނިއަން ޖާނަލިސްޓް ސިންޑިކޭޓް (ޕީއެސްއައި) އާއި އައިއެފްޖޭ އަދި އައިސީޖޭޕީ އިން ހުށަހަޅާ މައްސަލައަށް އެމްޖޭއޭ އިން ތާއީދުކޮށް ވަނީ ވާހަކަ ދައްކައިފައެވެ.
އެމްޖޭއޭ އިން ބުނީ އެ ކޮންގްރެސްގައި ބޭއްވި އައިއެފްޖޭގެ ހިންގާ ކޮމިޓީގެ އިންތިހާބުގައި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް އަލަށް އިންތިހާބުވި ފަރާތްތަކާ ރަސްމީކޮށް ބައްދަލުކޮށް އެމްޖޭއޭ އިން މަރުހަބާ ކިޔައި، ނޫސްވެރިންގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމްޖޭއޭ އިން އައިއެފްޖޭގެ އާ ރައީސް ޑޮމިނިކް ޕްރެޑްލީ އާއި އައިއެފްޖޭގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޒުލިއާނާ ލައިނޭޒް އާއި ޕަލަސްތީނިއަން ޖާނަލިސްޓް ސިންޑިކޭޓްގެ ޗެއާމަން އަދި އައިއެފްޖޭގެ ނައިބު ރައީސެއް ކަމަށްވާ ނަސީރު އަބޫބަކުރުގެ އިތުރުން އަލަށް އުފެއްދި ފެޑެރޭޝަން އޮފް އޭޝިއާ ޕެސިފިކް ޖާނަލިސްޓްސްގެ ރައީސް އަދި އައިއެފްޖޭގެ ނައިބު ރައީސެއް ކަމަށްވާ ސަބީނާ އިންދަޖީތުއާ ވެސް ވަނީ ބައްދަލުކޮށްފައެވެ.
ކޮންމެ އަހަރަކު އެއްފަހަރު އައިއެފްޖޭ އިން ބާއްވާ އެ ކޮންގްރެސްގައި މިއަހަރު ވަނީ 99 ގައުމަކުން 200 އަށްވުރެ ގިނަ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތައް ބައިވެރިވެފައެވެ. 1926 ވަނަ އަހަރު އުފެއްދި އައިއެފްޖޭއަކީ 140 ގައުމަކަށް ނިސްބަތްވާ 187 ނޫސްވެރިންގެ ޔޫނިއަންތަކާއި ޖަމިއްޔާ، ޖަމާއަތްތައް ތަމްސީލު ކުރާ ފެޑެރޭޝަނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު