ދިވެހި ފުޓުބޯޅަ ކުޅުންތެރިންގެ މެންޓާލިޓީ އެނގޭ ކަމަށާއި، ކުރިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ފައިދާ ނަގައި، ކްލަބުގެ ޓާގެޓުތައް ހާސިލުކުރެވޭނެ ކަމަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗު ނިޒާމް ޕަކީރު އަލީ ބުނެފިއެވެ.
ވިކްޓަރީ ސަސްޕެންޝަނުން ސަލާމަތްކޮށް، އެ ކްލަބު އަލުން ދިވެހި ފުޓުބޯޅައަށް އަނބުރާ ގެނައުމަށް، އާ ބޯޑަކާއެކު އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ ދަރަނިތައް އަދާކުރަންވެސް ބޮޑު މަސައްކަތެއް ފަށައި، އެކަން ކާމިޔާބުވެސް ކޮށްފައެވެ. ދާދިފަހުން ވިކްޓަރީން ބުނެފައިވަނީ ދަރަނިތައް އަދާކުރަން އެފްއޭއެމްއަށް ފައިސާ ދީފައިވާ ކަމަށާއި، ކްލަބު ދެވަނަ ޑިވިޝަނުގައި ވާދަކުރުމަށް ޓީމެއް އެކުލަވާލައި ތަމްރީނުތައްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
އެފްއޭއެމުން 2019 ވަނަ އަހަރު ވިކްޓަރީ ސަސްޕެންޑް ކުރީ 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބު ލައިސަންސްއާ ގުޅޭގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ، އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރުމުންނެވެ.
ވިކްޓަރީން އާ ސީޒަނުގެ ތަމްރީނުތަކަށް ތައްޔާރުވަމުންދާ އިރު، ސަސްޕެންޝަން އުވާނުލެވި އޮތުމުން އަދި އެންމެ އެކަށޭނެ ގޮތެއްގައި ދަނޑުތައް ލިބުމަށް ވަނީ އުނދަގޫވެފައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކާ މަޝްވަރާކޮށް މާދަމާއިން ފެށިގެން ވިލިމާލެ ދަނޑުގައި ވިކްޓަރީން ތަމްރީނުތައް ފަށަން ތައްޔާރުވެފައިވާ ކަމަށް ސޯލްޓް ކެފޭގައި މިއަދު ބޭއްވި ހާއްސަ ޕްރެސްއެއްގައި ކްލަބުގެ ފަރާތުން ބުނެފައިވެއެވެ.
މިއަދުގެ ޕްރެސްގައި ކްލަބުގެ ޗެއާމަން ހުސައިން އާދަމާއި މެނޭޖަރު މުހައްމަދު އާދަމް އަދި އާ ކޯޗު ޕަކީރު އަލީ ބައިވެރިވެފައިވެއެވެ. ޕްރެސްއަކީ އަންނަ ސީޒަނަށް ތައްޔާރުވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ހާއްސަ ޕްރެސްއެކެވެ.
"ވިކްޓަރީގެ ބޯޑަށް ޝުކުރު އަދާކުރަން ބޭނުން. ވިކްޓަރީއަކީ ވަރަށް ބޮޑު ކްލަބެއް. ވަރަށް މުހިއްމުވެސް ކްލަބެއް. ސަޕޯޓަރުންގެ ސަޕޯޓުވެސް އޮތް ކްލަބެއް. އެހެންވީމަ އުފަލެއް މިއީ މި ކްލަބުގެ ކޯޗަކަށް އައުން އެއީ. އަހަންނަށް ދިވެހި ފުޓުބޯޅަ ވަރަށް ރަނގަޅަށް އެނގިފައި އޮތީ. ވަރަށް ގާތުން ދިވެހި ފުޓުބޯޅައިގެ ކަންކަން ފެނިފައި ހުރީ މާލެއާއި ގަމުގައި ކުރި މަސައްކަތްތަކުންވެސް. ދިވެހި ކުޅުންތެރިންގެ މެންޓާލިޓީވެސް އަހަންނަށް އެނގޭ. ކޯޗަކަށް ކާމިޔާބު ހޯދަން ވަރަށް މުހިއްމު ކަމެއް އެއީ ކުޅުންތެރިންނަށް ހޭނުން. އެކަން ކުރެވޭނެ ކަމަށް މި ބަލަނީ އަހަންނަށް،" މިއަދުގެ ޕްރެސްގައި ޕަކީރު އަލީ ބުންޏެވެ.
ޕަކީރު އަލީ ބުނީ ފުރަތަމަ ޓާސްކަކީ ފުރަތަމަ ޑިވިޝަނަށް ދިއުން އެކަނި ނަމަވެސް، ފަހަށްވެސް ޕްލޭން ކުރުމަށް ވިސްނައި، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ފުރަތަމަ ޓާސްކަކީ ފުރަތަމަ ޑިވިޝަނަށް ދިއުން. ކޮލިފައިވުން އެކަންޏެއް ނޫން އެކަމަކު ކުރަން ޖެހޭ ކަމަކީ. އަބަދުވެސް ޕްލޭނެއް އޮންނަން ވާނެ. އެއީ ކޯޗުގެ ޒިންމާއަކަށް ވާން ވާނެ. މި ޓީމުން ގައުމީ ޓީމަށްވެސް ފައިދާތަކެއް ކުރާނެ ވަރު ކުރުން އެއީ ޕްލޭނަކީ،" ޕަކީރު އަލީ ފާހަގަކުރިއެވެ.
ޕަކީރު އަލީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ބަންގުލަދޭޝް ލީގާއި ލަންކާ ލީގުގައި ކުޅެފައެވެ. އޭނާ ވަނީ ބަންގުލަދޭޝްގެ ފުރަތަމަ ޑިވިޝަން ކްލަބުތައް ކަމަށްވާ ޝެއިޚް ޖަމާލް ޑީސީ އާއި ބަންގުލަދޭޝް ޕޮލިސް އެފްސީ އަދި ޓީމް ބީޖޭއެމްސީއަށްވެސް ކޯޗުކަން ކޮށްދީފައެވެ.
އޭގެ އިތުރުން 2018 ވަނަ އަހަރުން 2020 ވަނަ އަހަރަށް ލަންކާގެ ގައުމީ ޓީމުގައިވެސް ޕަކީރު އަލީ ކޯޗަކަށް ހުރި އިރު، އޭނާ ވަނީ ރާއްޖޭގައި ޔޫތު ޑިވެލޮޕްމަންޓް މަސައްކަތްތަކެއް ކުރިން ކޮށްފައެވެ. އެގޮތުން ލ. ގަމުގައި ފުޓުބޯޅަ ކުޅުންތެރިން ތަމްރީނު ކުރުމަށް ހާއްސަ އެކަޑެމީއެއް ޕަކީރު އަލީ ވަނީ ކުރިން ހިންގައިފައެވެ.
ޕަކީރު އަލީ މިއަދު ފާހަގަކުރީ ދިވެހި ފުޓުބޯޅައަށް އޭނާ އަބަދުވެސް ނަޒަރު ހިންގާ ކަމަށާއި، ލީގު ވަރުގަދަވުމަކީ ގައުމީ ޓީމުގެ ކާމިޔާބީ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަބަދުވެސް އަހަރެން ރާއްޖޭގެ ފުޓުބޯޅައަށް ނަޒަރު ހިންގަން. އަހަރެން ގަބޫލުކުރާނީ ރާއްޖޭގެ ގައުމީ ޓީމު އަބަދުވެސް މޮޅުކޮށް އޮންނަނީ ފުރަތަމަ ޑިވިޝަންގެ ލީގު ވަރުގަދަ ވެފައި، ޕްރޮފެޝަނަލްވުމުން ކަމަށް. އެއީ ސްރީލަންކާގައި އޮންނަ ގޮތަކަށް ނޫން ރާއްޖޭގެ ލޯކަލް ފުޓުބޯޅައިގެ ކަންކަން އޮންނަނީ. ގަބޫލުކުރަން ޖެހޭ، ލަންކާއަށް އެކަން ނުކުރެވޭކަން. ބަންގުލަދޭޝްއަކީވެސް ލީގު ވަރުގަދަވަމުންދާ ގައުމެއް. އެއީ ގައުމީ ޓީމު ވަރުގަދަވާ ސަބަބަކީ. ވިކްޓަރީގެ ތެރެއިން ރާއްޖޭގެ ލީގު ވަރުގަދަވުން އެއީ ދެކެން ބޭނުންވާ ހިސާބަކީ،" ތަޖުރިބާކާރު ކޯޗު ޕަކީރު އަލީ ބުންޏެވެ.
ވިކްޓަރީން އެކުލަވާލި ޓީމަށް ގެންނަ ބިދޭސީ ކުޅުންތެރިންވެސް މިހާރު ވަނީ ހަމަޖައްސައިފައެވެ. އެ ކުޅުންތެރިންނާއެކު ލޯކަލް ރަނގަޅު ކުޅުންތެރިންތަކެއްވެސް ޓީމުން ފެންނާނެ ކަމަށް ކްލަބުން ވަނީ މައުލޫމާތު ދީފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޓީމު ތައްޔާރުކުރުން އެއީ ކްލަބަށް ކުރިމަތިވި ޗެލެންޖެއް ނަމަވެސް، ކާމިޔާބުކަމާއެކު އެކަން ކުރާނެ ކަމަށް ކްލަބުން ވަނީ ބުނެފައެވެ.
ވިކްޓަރީއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކުލަބެވެ. 1971 ވަނަ އަހަރު އުފެއްދި އެ ކްލަބުން ވަނީ ރާއްޖޭގެ ފުޓުބޯޅައިގައި ހުރިހާ ތަށްޓެއްވެސް ނަގައިފައެވެ. ގައުމީ ފުޓުބޯޅަ މުބާރާތް 21 ފަހަރު ހޯދި ވިކްޓަރީން ވަނީ އެ މުބާރާތް ދެ ފަހަރަށް މިލްކުވެސް ކޮށްފައެވެ. އޭގެ އިތުރުން 2000 ވަނަ އަހަރުން ފެށިގެން ތައާރަފުވެގެން އައި ދިވެހި ލީގުވެސް ވިކްޓަރީން ވަނީ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.
ވިކްޓަރީއަކީ އޭއެފްސީ ކަޕުގައިވެސް ގިނަ ފަހަރުތަކެއްގެ މަތިން ރާއްޖެ ތަމްސީލުކުރި ކްލަބެކެވެ. މީގެ ކުރިން އެންމެފަހުން އެ ކްލަބަށް އޭއެފްސީ ކަޕުން ފުރުސަތު ލިބުނީ 2012 ވަނަ އަހަރުއެވެ.
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު