ޚަބަރު

އިދިކޮޅު މުޒާހަރާއިން ފަސް މީހަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ މީޑިއާތަކަށް ވިދާޅުވީ، މިރޭ ބޭއްވި މުޒާހަރާގައި ބައިވެރިވި މީހަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ދެރަވުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައި އެ ކެމްޕޭން ހުއްޓުވުމަށް އަންގަވައިފައެވެ.

އެ ގަރާރާ ގުޅިގެން ފުލުހުން ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް ނަގައިފައެވެ. އޭގެ ތެރޭގައި ޔާމީންގެ ގޮކޮޅުގައި ހަރުކޮށްފައިވާ ބެނާވެސް ހިމެނެއެވެ. އަދި ބެނާ ހަރުކުރި ގެތަކުގެ ވެރިން ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ. މީގެ އިތުރުން ފާރުތަކަށް "އިންޑިއާ އައުޓް" ސްޕްރޭ ކުރި މީހުންގެ މައްސަލަތައް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން "އިންޑިއާ އައުޓް" ކެމްޕޭން އިންތިޒާމުކުރާ ކަމަށް ތުހުމަތުކޮށް ހޯރަފުށީ ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް މީގެ ކުރިން ދެ ފަހަރަކު ހައްޔަރުކުރިއެވެ.

ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރިއަސް މުޒާހަރާކުރުން ނުހުއްޓުވޭނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރައީސް ސޯލިހުގެ ގަރާރަކީ ބާތިލު ގަރާރެއްކަން ކަނޑައަޅަން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފައެވެ.