އަންހެނެއްގެ އަތުގައި ދަތްއަޅައި އިނގިލި ބުރިކޮށްލި ކަމަށް ތުހުމަތުކުރެވޭ ގ. ޗެރީ، އަލީ ހަސަން 35އ، ދޫކޮށްލައިފިއެވެ.

ފުލުހުން މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، އަލީ ހަސަން ބަންދުން ދޫކޮށްލައިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ކޯޓަށް ނިންމުމުން ކަމަށެވެ.

އަލީ ހަސަން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ. ފުލުހުން އެއިރު ބުނެފައިވަނީ، ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ފިރިހެނަކު ދަތް އަޅައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރީ އަލީ ހަސަން ކަމަށެވެ. އަދި އެ މާރާމާރީގައި އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށް ތަހުގީގަށް ބަންދުކުރުމުގެ ހުއްދަ ހޯދަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. އެހެންވެ އޭނާ ވަނީ 150 ދުވަހަށް ޖަލަށްލުމަށް އަމުރުކޮށްފައެވެ.

އަލީ ހަސަންގެ ފަރާތުން އަނިޔާ ލިބުނު މީހެއްގެ އާއިލާ މީހެއްކަމަށްވާ ނަސްރު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އަލީ ހަސަން އެގެއަށް އައިސް މާރާމާރީ ހިންގަން ފެށީ އެދުވަހުގެ ފަތިހު ކަމަށާއި އެއިރު ގޭގައި ކުޑަކުދިންވެސް ތިބި ކަމަށެވެ. ނަމަވެސް މާރާމާރީގައި ކުއްޖަކަށް އަނިޔާވެފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި މަންމައަށާއި އާއިލާގެ އިތުރު މެމްބަރުންތަކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާތަކެއް ދީފައި. އަނިޔާތަކުގެ ތެރޭގައި މަންމަގެ އަތުގެ ދެ އިނގިލި ވަނީ އެއްކޮށް ބިންދާލާފައި. ދައްތަގެ އަތުގެ އިނގިއްޔެއް ވަނީ އޭނާގެ އަނގައިން ކާލައި ކަނޑައި ވައްޓާލާފައި. ބޭބެގެ މޫނުމަތި ވަނީ ދުޅައަރުވާލާފައި،" ނަސްރު ބުންޏެވެ.

މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ އަލީ ހަސަން ވިލިނގިއްޔަށް ދިޔައީ އެ ރަށުގައި ދިރިއުޅޭ، އޭނާގެ ކުރީގެ ކައިވެންޏަކަށް ލިބިފައި ތިބި ދެ ދަރިންނާ ބައްދަލުކުރުމަށެވެ. މާރާމާރީ ހިނގަން މެދުވެރި ސަބަބަކަށްވީ ދަންވަރު 3:00 ހާއިރު އަލީ ހަސަން ފަތިސް ނަމާދަށް ކަމަށްބުނެ ދަރިން ގެންދަން އުޅުމުންނެވެ.

މާރާމާރީ ހިންގުމަށްފަހު އަލީ ހަސަން ގޮސް އެރީ އެރަށު މިސްކިތަށެވެ. އެއިރު އޭނާގެ ހެދުމުގައި ލޭ ހުރި ކަމަށްވެއެވެ.