ށ. ފޭދޫގައި ދެމަފިރިއެއްގެ މެދުގައި ހިނގި އަރައިރުމެއްގެ ތެރެއިން އަނބިމީހާ ގަޔަށް ވަޅި ހެރި މައްސަލައިގައި ހައްޔަރުކުރި ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، އެ ފިރިހެން މީހާގެ ބަންދަށް ކޯޓުން މިއަދު 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ރޭ "ވަން" އަށް ބުނި ގޮތުގައި އެ މާރާމާރީ ހިނގީ ރޭ 9:30 ހާއިރުއެވެ.

އެ މާރާމާރި ހިނގީ ފޭދޫ ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް "ވަން" އަށް ރޭ ވިދާޅުވި ގޮތުގައި ރޭ 9:30 ހާއިރު ފިރިހެން މީހާގެ މަންމަ ގުޅާފައި އެގައަށް އަންނަން އެދުނު ކަމަށެވެ. އަދި އޭނާ އެ ގެއަށް ދިޔައިރު އަންހެން މީހާގެ ގަޔަށް ވަޅި ޖަހާފައިވާ ކަމަށެވެ.

ވަޅި ހަރާފައިވަނީ އޭނާގެ ބަނޑަށެވެ. އެހެންވެ ފުލުހަށް ގުޅައި އެކަމުގެ މައުލޫމާތު ދިނުމަށްފަހު އަނިޔާވި އަންހެން މީހާ ވަގުތުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރައިސަމް ވިދާޅުވިއެވެ.

އެ މާރާމާރީ ހިނގި ސަބަބު ނޭނގޭ ކަމަށާއި މީގެ ކުރިން ވެސް އެ ދެމީހުންގެ ދެމެދުގައި އަރައިރުން އުފެދި އަންހެން މީހާއަށް އަނިޔާކުރާ ކަމަށް ރައިސަމް ވިދާޅުވެފައިވެއެވެ.