އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫ ސިޓީ ފޭދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވީ، މުހައްމަދު ޒަޔާން މޫސާ، 21އ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން"އަށް މިރޭ ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ގާތުން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިސަރު ޝާފީ މުހައްމަދު މީގެ ކުރިން ވިދާޅުވި ގޮތުގައި ޒަޔާންގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓައް ފުން ޒަހަމްތަކެއް ލިބިފައިވެއެވެ. އަދި އޭނާ މަރުވީ ބުރަކައްޓަށް ދިން ފުން ޒަހަމުތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، އެޒުވާނާ މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫ ހަރަކާތްތެރިވާ ދެ ގޭންގެއްގެ ދެމެދު ޖެހިގެން އުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ.