އައްޑޫ ސިޓީގައި އަމާންކަން ގާއިމުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިކަމަށް ގޮވާލާފައި މިވަނީ އައްޑޫގައި ސިލްސިލާ މާރާމާރީތަކެއް ހިންގައި އެކަކު މަރާލާފައިވާތީއެވެ.

އެ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރާމާރީ އާއި އަނިޔާދިނުމުގެ އެއްވެސް އަމަލަކީ އެ ކައުންސިލުން ބަލައި ގަންނަ ކަންކަމެއް ނޫން ކަމަށާއި އެކަންކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މީހުންގެ ފުރާނަ ގެއްލިދާފަދަ އަނިޔާވެރި އަމަލުތަކަކީ ވަރަށް ލާއިންސާނީ އަދި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

އިސްލާމްދީނުގެ އަސާސްތަކާއި ގާނޫނުއަސާސީއާ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ މުއާހަދާތަކުން މަނާކުރާ އަދި ހައްގުތަކެއް ކަށަވަރުކޮށްދީފައިވާ މުޖުތަމައެއްގައި އެފަދަ އަމަލުތައް ހިންގުމަކީ ކަންބޮޑުވާކަމެއް ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

"މި މައްސަލައަކީ މުޖުތަމައުގެ އަމާންކަމާއި ސަލާމަތާ ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށުތެރޭގައި އަމާންކަން ގާއިމުކޮށްދެއްވުން އަވަސްކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި ކަމާބެހޭ އިދާރާތަކަށް މި ކައުންސިލުން ގޮވާލަން." ކަންބޮޑުވުން ފާޅުކޮށް އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.

އައްޑޫ ސިޓީގެ ފޭދޫގައި ބުދަ ދުވަހުގެ ރޭ މެންދަމު 3:10 ހާއިރު މާރާމާރީ ހިންގާ ޒަހަމްކޮށްލި 19 އަހަރު ޒުވާނަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ފަތިހު ވަނީ މަރުވެފައެވެ. މަރުވެފައިވަނީ މުހައްމަދު ޒަޔާން މޫސާ ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާނެކެވެ. އެ މާރާމާރީގައި އޭނާގެ އަތުގެ މުލައްދަނޑި އާއި ބުރަކަށްޓަށް ފުން ޒަހަމްތަކެއް ވަނީ ލިބިފައެވެ. އޭނާ މަރުވެފައިވަނީ ބުރަކައްޓަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

ފޭދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީ ހިންގައި 19 އަހަރުގެ ޒުވާނެއް ޒަހަމްކޮށްލައިފައެވެ. އެ ޒުވާނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އޭނާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.