އިއްޔެ ފެށި އެފްއޭއެމްގެ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ޓީސީ ސްޕޯޓްސް ކްލަބުން ބޮޑު މޮޅެއް ހޯދި އިރު، ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް (ސަސް) އެއްވަރު ވެގެން ނިމިއްޖެއެވެ.

މިފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް 16 އަހަރުން ދަށަށް އާމަޒުކޮށް ފަށަން ތައްޔާރުވީ އަށް ޓީމާ އެކުގައެވެ. އެހެން ނަމަވެސް މިހާރު މުބާރާތުގައި ވާދަކުރަން އޮތީ ހަތް ޓީމެވެ. އެއީ ކްލަބު ގްރީން ސްޓްރީޓްސް މުބާރާތުގައި ފުރަތަމަ ބައިވެރިވި ނަމަވެސް، މިހާރު ނުކުޅޭ ގޮތަށް އޮތުމުންނެވެ. މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، ގްރޫޕް އޭގައި އޮތީ މާޒިޔާ އާއި ޓީސީ، ސަސް އަދި ޔުނައިޓެޑް ވިކްޓަރީއެވެ. ގްރޫޕް ބީގައި ހިމެނެނީ، ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ގައުމީ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން ޓީީސީ މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ. އަނެއް މެޗްގައި ޔޫވީއާއި ސަސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓީސީގެ މުހައްމަދު ޖުލާން ޝަފީއު ދެ ގޯލު ޖަހައިދިން އިރު، މުހައްމަދު އައިލަމް އަބްދުﷲ، ޔޫސުފް އާއިޝް މުހައްމަދު އަދި މުހައްމަދު މާކިން އިބްރާހިމްވެސް އެޓީމަށް ގޯލުތައް ޖަހައިދިނެވެ. މާޒިޔާގެ ގޯލުތައް ޖެހީ، އަބްދުﷲ ރިޒާން މުހައްމަދާއި އަލީ އުމްރާން އުމަރެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި ސަސްގެ އަބްދުލް މާނިއު ނާސިރު މެޗުގެ 20 ވަނަ މިނެޓްގައި އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް މެޗުގެ 83 ވަނަ މިނެޓްގައި ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އަރުޝަދު ސަލީމެވެ.

މުބާރާތުގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. މިއަދު ހަވީރު ޔޫތު ޗެމްޕިއަންޝިޕްގައި ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

ޔޫތު ޗެމްޕިއަންޝިޕް ސްކޫލު ދުވަސްވަރު ކުރިއަށްދާތީ އެކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ކުރިމަތި ކުރުވާފައިވެއެވެ. އެގޮތުން އަތޮޅު ތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވެ، ކުޅުމަށް ހުރަސްތަކާ ކުރިމަތިވެފައިވުމަކީ އަތޮޅު ތެރޭގައި ފުޓުބޯޅަ އެކަޑެމީތައް ހިންގާ ގިނަ ފަރާތްތަކުގެވެސް ކަންބޮޑުވުމެކެވެ. ހާއްސަކޮށް މި ދުވަސްވަރަކީ އިމްތިހާނުގެ ދުވަސްވަރު ކަމަށްވުމުން މުބާރާތް ކުއްލިއަކަށް ބޭއްވުމާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ބެލެވޭ ގޮތުގައި އެފްއޭއެމްއިން މުބާރާތް އަވަސްކުރީ މިއަހަރު އޮކްޓޫބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް މި މުބާރާތުން ސްކޮޑެއް އެކުލަވާލަން ތައްޔާރުވާތީއެވެ. 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެއް ގްރޫޕެއްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.