މަކަރާއި ޚިޔާނާތާއި ފަސާދައިގެ ކުށް ސާބިތުވެގެން ކޯޓަކުން ޖަލު ހުކުމެއް އިއްވައިފިނަމަ އެމީހެއްގެ ސިޔާސީ ހަޔާތް އޮންނަނީ އެހިސާބަކުން ނިމިފައެވެ. ރައްޔިތުންގެ ކުރިމައްޗަށް އަލުން އައިސް މޮޅުވެގެންވާހައި ތަގުރީރުތަކެއްދީ ހުދުކާފޫރަށްވެގެން އިންތިޚާބުތަކުގައި ކާމިޔާބު ހޯދުމަކީ އެމީހަކަށް ކުރެވޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އެއީ ކުރީގައެވެ. މިހާރު ދުނިޔޭގެ ކަންކޮޅުތަކުގައި އެންމެ ބާރަށް ވިކޭ ސިޔާސީ މުދަލަކީ ޚިޔާނާތާއި ފަސާދައިގެ ތުހުމަތެވެ. ޚާއްސަގޮތެއްގައި ޖަލު ހުކުމެވެ. އެފަދަ ހުކުމެއް އިއްވާފައި ނެތިއްޔާ އެއީ ސިޔާސީ ލީޑަރަކަށްވެސް ނުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގައިލީމާ މި މަންޒަރު ވަރަށް ސާފުކޮށް ނަލަކޮށް އެބަފެނެއެވެ. އެންމެ ވަރުގަދަ ބޮޑެތި ގައުމުތަކުން ފެށިގެން އެންމެ ނިކަމެތި އެންމެ ކުޑަ ގައުމުތައް ވެސް ހިމެނޭގޮތުންނެވެ.
މެލޭޝިޔާގެ ތާރީޚުގައިވެސް ދައުލަތް ދޮވެލުމުގެ ދެވަނައެއްނުވާ ކަމަށް ސާބިތުވެގެން ޖަލު ހުކުމެއް އިއްވުނު ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިހާރު އެހުންނެވީ އަލުން ވެރިކަމަށް ދޮންވެ ފައްކާވެފައެވެ. ފިލިޕީންސްގެ ތާރީޚުގައިވެސް ފެނިފައިވާ އެންމެ ކޮރަޕްޓް އާއިލާކަމަށް މަޝްހޫރުވެފައިވާ މާކޯސް އާއިލާ އެތާގެ ރައްޔިތުންވަނީ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ވެރިކަމަށް އަލުން ގެނެސްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދަނީ މި ސިލްސިލާއެވެ. ދެން އެންމެ އަވަހަށް މިކަހަލަ މަންޒަރެއް ފެންނާނީ ދުނިޔޭގެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ބްރެޒީލުންނެވެ. ގާތްގަޑަކަށް 213 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބްރެޒިލްގައި އަދި ހަތަރު މަހުން އިންތިޚާބު ބާއްވާއިރު ކުރި ހޯއްދަވާނޭ ކަމަށް ފެންނަނީ ޖަލު ހުކުމެއްގެ ވެރިއެކެވެ.
ބްރެޒިލްގައި ރިޔާސީ އިންތިޚާބު ބާއްވާނީ އޮކްޓޫބަރު މަހުއެވެ. އެކިއެކި ދިރާސާތަކުން ދައްކާގޮތުގައި މިހާރު ހުންނެވި ރައީސް ބޮލްސޮނާރޯ ބަލިކުރައްވައި މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ކުރީގެ ރައީސް ލޫލާ އެވެ. އޭނާގެ ވެރިކަމުގައި ހިންގާފައިވާ މަނީ ލޯންޑަރިންގެ ކުށްތަކާއި ފަސާދައިގެ އެހެނިހެން އަމަލުތަކުގެ ކަންކަން ސާބިތުވެ 9 އަހަރުގެ ޖަލު ހުކުމެއް ލޫލާއަށް ވަނީ އިއްވައިފައެވެ. އެ ހުކުމް އިއްވި ފަނޑިޔާރަށް މިހާރުގެ ރައީސް ބޮލްސޮނާރޯ ވަނީ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޕަބްލިކް ސިކިއުރިޓީގެ މަގާމު ދެއްވައި ވަޒީރުންގެ މަޖިލީހަށް ގެންނަވައިފައެވެ. އޭގެފަހުން ހުސްވި 2021 ވަނަ އަހަރު ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަނީ ލޫލާއަށް ހުކުމް އިއްވި ކޯޓަކީ އެކަމުގެ އިހުތިސާސް ލިބިގެން ނުވާ ކޯޓެއް ކަމަށް ނިންމައި ލޫލާ މިނިވަންކޮށްފައެވެ.
މިހިރަ މިހިރަ ކަންކަމަކީ ފިލްމު ސްކްރިޕްޓެކޭ ހީވާ ބަޔަކުވެސް ތިބެދާނެއެވެ. ސްކްރިޕްޓަކަށް ވިޔަސް ނުވިޔަސް ހަމަ މިމަގުން ފިއްޔެއްވެސް ތަފާތު ނުވެ އެތައް އެތައް ގައުމެއްގައި މި މަންޒަރު ދަނީ ތަކުރާރުވަމުންނެވެ. ވަރަށް ގާތުންނާއި ދުރުންނެވެ. ކޮންމެއަކަސް ކުރީގެ ރައީސް ލޫލާ މިނިވަންވުމާއެކު އޭނާގެ ދުރުމި ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒު ކުރައްވައިފައެވެ. އޭނާގެ ސަޕޯޓަރުން އުފަލުން އުތުރި އަރަނީއެވެ. ވަޑައިގެންނެވި ކޮންމެ ރަށެއްގައި އަދި ތަނެއްގައި ހިންގަވަނީ "ބޮލްސޮނާރޯ ފޯރާ" ކެމްޕޭނެވެ. މި ކެމްޕޭނު މެކުހަށް ޖަހާފައިވާއިރު ލޫލާގެ ތަގުރީރުތައް އަޑުއަހަން އެއްވާ މީހުންގެ އަދަދުވެސް ދަނީ ބޮޑުތަނުން ގިނަވަމުންނެވެ. "ބޮލްސޮނާރޯ ފޯރާ" އަކީ ޕޯޗުގީޒް ބަހުން ބޮލްސޮނާރޯ އައުޓެވެ. ބްރެޒިލްގެ ބަހަކީ ޕޯޗްގީޒް ބަހެވެ.
"ބޮލްސޮނާރޯ އައުޓް" ކެމްޕޭން ވައިގައި ހިފައި ލޫލާގެ މަގްބޫލުކަން އަނެއްކާވެސް ތަރިތަކާ ހަމަޔަށް އުފުލިފައިވާ ކަމުގެ ސާފު ހެއްކަކީ ޚިޔާލު ހޯދުންތަކުގައި ބޮލްސޮނާރޯގެ މައްޗަށް 16 ޕޮއިންޓްގެ ލީޑެއް ލޫލާއަށް ލިބިފައިވުމެވެ. މިއީ ވަރަށް ބޮޑު ތަފާތެކެވެ. މިކަން މިހެންވުމުގައި ސަބަބުތަކެއްވެސް އެބަހުއްޓެވެ. ޖަލު ހުކުމެއް ނެތިއްޔާ ސިޔާސީ މީހަކަށްވެސް ނުވެޔޭ ބުނާ ބަޔަކު ތިބެދާނެއެވެ. އެކަމަކު މައިގަނޑު ސަބަބަކީ ބޮލްސޮނާރޯގެ ސިޔާސަތެވެ. ކޮވިޑެއް ސައިންސެއް ގަބޫލުކުރައްވާ ބޭފުޅެއް ނޫނެވެ. ކަންކަން ނިންމެވުމުގައި އޮންނަނީ ހިތަށް އެރިގޮތެކެވެ. މިވަރުގެ ބޭފުޅަކަށް ދެވަނަ ދައުރެއް ދިނުމަށްވުރެ ކަޅު ފައިސާ ދޮވުމާއި ވައްކަމުގެ ކުށް ސާބިތުވެފައިވާ މީހަކު އަލުން ވެރިކަމަށް ގެނައުންވެސް ހެޔޮކަމަށް ދެކޭ މީހުން ގިނައީއެވެ.
"ބޮލްސޮނާރޯ އައުޓް" ކެމްޕޭން ފަނޑުކޮށް ބޮލްސޮނާރޯގެ ތާއީދު އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓަރުގެ އެންގުމަކަށް ސްކޫލްތަކުގައި ފެށި ހަރަކާތުގެ ސަބަބުންވެސް ސަރުކާރަށް ކުރިމަތިވީ ނާކާމިޔާބެވެ. ގައުމީ ސަލާމަށްފަހު ކޮންމެ ސްކޫލެއްގެ އެސެމްބްލީގައިވެސް ބޮލްސޮނާރޯގެ ކެމްޕޭން ޝިއާރު އިއްވުމަށް އެޑިއުކޭޝަން މިނިސްޓަރު އެންގި އެންގުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. އެ ޝިއާރުގައި ބުނަނީ މިހެންނެވެ. ހުރިހާ ކަމަކަށްވުރެ އިސް އެއްޗަކީ ބްރެޒިލްގެ ގައުމިއްޔަތެވެ. ގައުމިއްޔަތު ދިރުވޭނީ ބޮލްސޮނާރޯއަށެވެ. ކޮންމެއަކަސް ދެ ކެމްޕޭނުގެ ތެރެއިން އަޑުގަދައީ ލޫލާގެ ކެމްޕޭނެވެ. އޭނާގެ ސަޕޯޓަރުން ދެކޭ ގޮތުގައި ލޫލާ ފްރޭމް ކުރެވުނީއެވެ. ހުކުމް އިއްވި ފަނޑިޔާރަށް ވަޒީރުކަން ދިނުމަކީ އެކަމުގެ ހެއްކެއް ކަމަށް އެމީހުން ގަބޫލުކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ