އާޖެންޓީނާގެ އުމުރުން 34 އަހަރުވީ ލިއޯ މެސީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔަރކުރުން ދެން އޮތީ ނުހަނު ގާތުގައި ކަމަށް ގިނަބަޔަކު ހީކުރެއެވެ. ގަބޫލުކުރެވިފައިވާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމުން މެސީ ރިޓަޔަރ ކުރާނެއެވެ. ކޮންމެ އިރަކު އޭނާ ރިޓަޔަރ ކުރިއަސް ދުނިޔޭގެ ފުޓްބޯޅައިގައި އޭނާ ގާއިމްކޮށްފައިވާ ރިކޯޑުތައް ޒަމާންތަކަށް ދެމިގެންދާނެއެވެ. މެސީ ވަނީ 2004 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް ސްޕޭނުގެ ބާސެލޯނާގައި ލައްކަ ގިނަ ރިކޯޑުތައް ގާއިމުކޮށްފައެވެ. އޭގެ ތެރެއިން ތޭރަ ރިކޯޑެއް ފަހަރުގައި އެއްވެސް ކުޅުންތެރިޔަކަށް މުގުރައިނުލެވިދާނެއެވެ. ތިރީގައި މިބަލައިލަނީ ފުޓްބޯޅައިގައި މެސީ ގާއިމްކޮށްފައިވާ އާދަޔާ ޚިލާފު ތޭރަ ރިކޯޑަކަށެވެ.

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މެސީ ވަނީ މިހާތަނަށް 8 ހެޓްރިކް ހަދައިފައެވެ. އޭނާޔާއި އެންމެ ގާތުން ވާދަކުރާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހެދިފައިވަނީ 7 ހެޓްރިކެވެ. ރޮނާލްޑޯގެ މެންޗެސްޓަރ ޔުނައިޓެޑް މިހާރު އޮތް ހިސާބުން ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތެެއް އެހާ އަވަހަކަަށް ނެތެވެ. އެހެންވީމާ މެސީގެ ރިކޯޑު މުގުރައިލުމަކީ ފެންނަފެނުމުގައި މިހާރު ރޮނާލްޑޯއަށް ނުކުރެވޭނޭ ކަމެކެވެ. ރޮބަރޓް ލެވަންޑޯސްކީ އާއި ކަރީމް ބެންޒީމާއަށް އެކަން ކުރުމުގެ ފުރުސަތު އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ފިޔަވަހީގައި މެސީ ޖަހާފައިވާ 76 ގޯލްގެ ރިކޯޑަކީވެސް ރޮނާލްޑޯގެ އިމުން ބޭރު ރިކޯޑެއް ކަމަށް ހީކުރެވެއެވެ. ރޮނާލްޑޯ ޖަހާފައިވަނީ 73 ގޯލެވެ. ބާސެލޯނާއަށް މެސީ ޖަހާދީފައިވާ 672 ގޯލަކީ ވެސް ކުޅުންތެރިޔަކު އެއް ކުލަބަކަށް ގޯލް ޖަހައިދިނުމުގެ ރިކޯޑެކެވެ.

ލިއޯ މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް 160 މެޗު ކުޅެދީފައެވެ. ގައުމީ ޓީމަށް އެންމެ ގިނައިން ކުޅުމުގެ ރިކޯޑް ކުރިން އޮތީ ހާވިއަރ މަޝެރާނޯއަށެވެ. އެރިކޯޑު މެސީ މުގުރައިލީ 2021 ގައެވެ. ހީވާގޮތުން މެސީގެ ރިކޯޑު އޭނާ 200 އާ ގާތަށް ގެންދާނެއެވެ. ޔޫރަޕުގެ ބޮޑެތި ލީގުތަކުގައި އެންމެ ގިނަ ގޯލް ޖަހާ އެންމެ ފާހަގަކުރެވޭ މޮޅު ކުޅުންތެރިޔާއަށް ދެވޭ އެވޯޑަކީ ޔޫރަޕުގެ ރަން ބޫޓެވެ. މި އެވޯޑް މެސީ ވަނީ ހަފަހަރު ހޯދައިފައެވެ. އެހުރިހާ ފަހަރަކުވެސް ހޯދާފައިވަނީ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ކުލަބަށް ހޯދާދީފައިވާ ތަށީގެ އަދަދުންވެސް މެސީއަށް ރިކޯޑެއް އެބައޮތެވެ. ޕެރިސް ސެންޓް ޖަމޭންއަށް ހުސްވި ސީޒަނުގައި ހޯދައިދިން ތަށްޓަކީ މެސީގެ ކެރިއަރުގައި ކުލަބަކަށް ހޯދައިދިން 36 ވަނަ ތަށްޓެވެ.

ސްޕޭނުގެ ލީގުގައި ބާސެލޯނާއަށް މެސީ ވަނީ 36 ހެޓްރިކް ހަދައިދީފައެވެ. މިއީވެސް ރިކޯޑެކެވެ. ބާސެލޯނާ ދޫކޮށް ހުސްވިއަހަރު އޭނާ ނުދިޔަނަމަ މިއަދަދު މިހާރު ސާޅީހަށް އަރާނޭ ކަމަށް ހީކުރެވެއެވެ. އެލްކްލެސިކޯ މެޗުތަކުގައި 26 ގޯލް ޖަހައިގެން އޭގެ ރިކޯޑްވެސް އޮތީ މެސީއަށެވެ. އެލްކްލެސިކޯ މެޗުތަކުގައި ލަނޑުޖެހުމުގެ ލިސްޓުގެ ދެވަނައިގައިވާ ރޮނާލްޑޯއަށް ޖެހިފައިވަނީ 18 ގޯލެވެ. އެއް އަހަރުގެ ތެރޭގައި ނުވަތަ 365 ދުވަހުގެ ތެރޭގައި 91 ލަނޑު ޖަހައިގެން ރިކޯޑު އޮތީވެސް މެސީގެ އަތުގައެވެ. މި ރިކޯޑާ އެންމެ ކައިރި ކުރަނީ 1972 ވަނަ އަހަރު 85 ގޯލް ޖަހާފައިވާ ޖާމަނީގެ ގާރޑް މުލާއެވެ. ލަލީގާގައި އެއް ސީޒަނެއްގައި 50 ގޯލް ހަމަކޮށްގެން އެއްސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރިކޯޑް އޮތީވެސް މެސީއަށެވެ.

ސްޕޭނުގެ ލީގުގައި މެސީ ވަނީ ޖުމްލަ 474 ގޯލް ޖަހައިފައެވެ. މިއީ އާދައިގެ ރިކޯޑެއް ނޫނެވެ. ސްޕޭނުގެ ލީގުގައި ލަނޑު ޖެހުމަކީވެސް އޭގެ ޒާތުގައި ފަސޭހަކަމެއް ނޫނެވެ. އެއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ރިކޯޑް އޮންނަ އެލަން ޝިއަރާގެ ޖުމްލަޔަކީ 260 އެވެ. އޭގެ ދެގުނަ މެސީ ވަނީ ޖަހައިފައެވެ. މި ތަފާސްހިސާބުން އެކަނިވެސް މިއީ ކިހައިވަރެއްގެ ރިކޯޑެއްކަން މޭރުންވެއެވެ. ހަމައެކަނި އޭނާ ގޯލް ޖަހަނީއެއް ނޫނެވެ. ގޯލް ޖެހުމަށް އެހީވުމުގައިވެސް ރިކޯޑް އޮތީ މެސީއަށެވެ. ސްޕޭނުގެ ލީގުގައި އޭނާގެ އެސިސްޓްގެ ޖުމްލަޔަކީ 192 އެވެ. މެސީއާ ދެން އެންމެ ކައިރިކުރާ ޒަވީގެ ޖުމްލަޔަކީ 129 އެވެ. މި އަދަދުން އެކަނިވެސް މެސީ ގާއިމްކޮށްފައިވާ ރިކޯޑުގެ ފުރިހަމަކަން ހާމަވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދެވޭ އެވޯޑަކީ ބަލޯންޑޯ އެވޯޑެވެ. މި އެވޯޑް މިހާތަނަށް 7 ފަހަރު މެސީ ވަނީ ހޯދައިފައެވެ. މެސީއާ އެންމެ ގާތްކުރަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯއަށް ބަލޯންޑޯ ލިބިފައިވަނީ 5 ފަހަރުއެވެ. މެސީގެ ދައުރުގައި އެހެން މީހަކަށް ބަލޯންޑޯ ލިބުމަކީވެސް ނާދިރު ކަމެކެވެ. އެހެންވީމާ މެސީގެ ދައުރުގައި ރޮނާލްޑޯ ފަސްފަހަރު މިއެވޯޑް ހޯދުމަކީ އޭނާގެ މޮޅުކަން ހާމަވެގެންދާ ކަމެކެވެ. މިހާރު ފެންނަ ގޮތުން މެސީއަށްވެސް އަދި ރޮނާލްޑޯއަށްވެސް ދެން އިތުރު ބަލޯންޑޯއެއް ނުލިބޭނެއެވެ. އެއީ ކުލަބުގައި ދެމީހުންގެ ވިދުންވެސް ފަނޑުވެފައިވާތީއެވެ. އިތުރު ބަލޯނެއް ލިބުނަސް ނުލިބުނަސް މެސީގެ ރިކޯޑް މުގުރައިލުމަކީ ދެން އެކަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަން ކުރަންޏާ އެންމެ މަތީ ހަރުފަތުގައި ފަނަރަސޯޅަ އަހަރު ހިފަހައްޓައިލަން ޖެހޭނެއެވެ.