ށ. ފޭދޫގައި ދެމަފިރިއެއްގެ މެދުގައި ހިނގި އަރައިރުމެއްގެ ތެރެއިން އަނބިމީހާ ގަޔަށް ވަޅި ޖަހައިފިއެވެ.

ފުލުހުން މިރޭ "ވަން" ބުނީ މިރޭ 9:30 ހާއިރު ފޭދޫ ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާ ގަޔަށް ވަޅި ޖަހާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް "ވަން" އަށް ވިދާޅުވީ، މިރޭ 9:30 ހާއިރު ފިރިހެން މީހާގެ މަންމަ ގުޅާފައި އެގައަށް އަންނަން އެދުނު ކަމަށެވެ. އަދި އެގައަށް ދިޔުމުން އަންހެން މީހާ އެ ގޭގެ ފުރަގަހަށް ގެންގޮސް ފިރިހެން މީހާ އަނިޔާ ކުރަމުންދާ ކަމަށް ބުނި ކަމަށެވެ.

ރައިސަމް ވިދާޅުވީ، އޭނާ އެ ގޭގެ ފުރަގަހަށް ދިޔައިރު އަންހެން މީހާގެ ގަޔަށް ވަޅި ޖަހާފައި ކަމަށެވެ. ވަޅި ހަރާފައިވަނީ އޭނާގެ ބަނޑަށެވެ. އެހެންވެ ފުލުހަށް ގުޅައި އެކަމުގެ މައުލޫމާތު ދިނުމަށްފަހު އަނިޔާވި އަންހެން މީހާ ވަގުތުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ރައިސަމް ވިދާޅުވިއެވެ.

އެ މާރާމާރީ ހިނގި ސަބަބު ނޭނގޭ ކަމަށާއި މީގެ ކުރިން ވެސް އެ ދެމީހުންގެ ދެމެދުގައި އަރައިރުން އުފެދި އަންހެން މީހާއަށް އަނިޔާކުރާ ކަމަށް ރައިސަމް ވިދާޅުވިއެވެ.