ރައީސް އޮފީހަކީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މައި އިދާރާ ކަމަށާއި އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ގައުމު ހިންގުމުގެ އެންމު މުހިންމު ދައުރެއް އަދާކުރަނީ ރައީސް އޮފީހުގައި ގިނަ ދުވަހު ހިދުމަތްކުރި އަދި ހިދުމަތް ކުރަމުންގެންދާ މުވައްޒަފުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ، ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން އަދި ހިދުމަތްކޮށްދެމުންގެންދާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާ އިރު، އެ ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކޮށްފައިވާ 20 ބޭފުޅަކަށް ފިލާ އަރުވާފައި ވަނީ އެބޭފުޅުންގެ ހަނދާނަށެވެ.

ރައީސް އޮފީހުގެ މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޒަމާނުއްސުރެ ސަރުކާރު ހިންގުމުގައި ރައީސް އޮފީހުން އަދާކުރަމުން ގެންދާ ދައުރު ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ހިދުމަތުގެ އަގު ވަޒަންކުރެވުނު ބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު، އެ ބޭފުޅުންގެ ފަރާތުން ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ އެބޭފުޅުން ދެމެހެއްޓެވި ވަޒީފާގެ އަހުލާގު ކަމަށެވެ. އަދި އެ މުވައްޒަފުންނަށް ދިގު މުއްދަތަކަށް އެއް ވަޒީފާއެއްގައި ދެމިތިބޭ އެއް ސަބަބަކީ ވެސް އެ ސިފަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަރަށް ދޮށީ މުވައްޒަފުންނާއި ވަރަށް ހަގު މުވައްޒަފުން ކަމަށެވެ. ގިނަ ދުވަސްވީ މުވައްޒަފުން ނަމޫނާއަކަށް ބަލައިގެން އެހެން މުވައްޒަފުން ކުރިޔަށް ދިއުން ވަރަށްވެސް ބޭނުންތެރި ކަމަށް ރައީސް ވިދާޅުވިއެވެ.