ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރާލި މައްސަލައިގައި ޖަލަށްލި އެންމެންގެ އިސްތިއުނާފު ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.

އުމުރުން 14 އަހަރުގެ ޝައްފާން މަރާލީ ވަޅިން ހަމަލާދީ 2019 ވަނަ އަހަރެވެ. ޝައްފާނަށް ވަޅިން ހަމަލާދީފައި ވަނީ އަމީރު އަހުމަދު ސްކޫލު ކައިރީ ހުންނަ އޮޓޯގަރާޖު ކުރިމަތިންނެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ. އޭނާއަކީ ޖަމާލުއްދީން ސްކޫލް، ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

ޝައްފާނު މަރާލިކަމުގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކުރީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު އާއި ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހު އާއި ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހުމަދުގެ އިތުރުން ކ. މާލެ، ޓޮމާޓޯފްލާވާ ހުސެއިން ޖައިލަމެވެ. އެމީހުން ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު އޮތީ މިހާރު ހަމަވެފައެވެ. އެހެންވެ، އެމީހުންގެ ފަރާތުން ހައިކޯޓުގައި އެދުނީ އިސްތިއުނާފު ކުރުމުގެ ހުއްދައަށެވެ.

އިސްތިއުނާފު ލަސްވި ސަބަބެއްގެ ގޮތުގައި އެ ހަތަރު މީހުންގެ ފަރާތުންވެސް ފާހަގަކޮށްފައި ވަނީ ކުރިމިނަލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރުން ލަސްވުމެވެ. އެ ރިޕޯޓު ކުރިމިނަލް ކޯޓުން ދޫކުރީ މިއަހަރު ފެބްރުއަރީ މަހުއެވެ.

އެ ހަތަރު މީހުންގެ މައްސަލައިގައި ވެސް މިދިޔަ މަހުގެ ފަހުކޮޅު ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ނިންމީ އެ މީހުންގެ އިސްތިއުނާފަށް ހުއްދަ ދޭންޖެހޭ މަގުބޫލު ސަބަބެއް ނެތް ކަމަށެވެ. އެއީ އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދުން ލަސްވި ސަބަބެއް ބަޔާން ކޮށްފައި ނެތުމުންނެވެ.

ފުލުހުން ޝައްފާން މަރުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ ޝައްފާން މަރާލި ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.