ގާނޫނާ ހިލާފު އަމަލުތައް ކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށާއި އެފަދަ އަމަލުތައް ކުރުމުގެ ފުރުސަތު އޮތް ކުދިން އެކަމުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ހާއްސަކޮށް ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމެއް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ބާއްވައިފިއެވެ.

މިއީ ޑީޖޭޖޭއިން މިއަހަރު ކުރިއަށް ގެންދިޔަ މިފަދަ ތިންވަނަ ޓްރެނިން ޕްރޮގްރާމެވެ.

ޑީޖޭޖޭއިން އިސް ނަގައިގެން ފަސް ދުވަހުގެ މުއްދަތަކަށް ޝީ ބިލްޑިންގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަސް މުއައްސަސާއަކުން 28 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

އޭގެތެރޭގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޖުވެނައިލް ކޯޓާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ މައިގަނޑު ނުވަ ބަޔަކަށް އަލިއަޅުވާލައިފައިވާ ކަމަށް ޑީޖޭޖޭއިން ބުންޏެވެ.

އެގޮތުން މި ތަމްރީނު މެދުވެރިކޮށް ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިއްސާވާ މުއައްސާސާތަކުގެ ދައުރާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އަހުލުވެރިކޮށްފައިވާ ކަމަށް ޑީޖޭޖޭއިން ބުންޏެވެ.

ތަމްރީނުތަކުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވީ ޖުވެނައިލް ކޯޓު، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، ދިވެހި ފުލުހުންގެ ހިދުމަތް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ހާއްސަ ބޭފުޅުންނެވެ. މި ބޭފުޅުންނަކީ ޔޫއެންއޯޑީސީން ޓްރެނިން އޮފް ޓްރެއިނާސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅުންނެވެ.

މިއީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ހުށަހެޅޭ އަނިޔާތަކުން ކުދިން ސަލާމަތްކުރުމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ މަސައްކަތް ހަރުދަނާކުރުމަށް ޑީޖޭޖޭއިން އިސްނައިގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

މީގެ އިތުރުން ކުދިންގެ ކަންކަމުގައި ނިންމާ ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއް ކަމުގައި ހެދުމާއި ކުދިންނާ މުއާމަލާތް ކުރެވޭ ގޮތް ރަނގަޅު ކުރުމަކީވެސް މި ތަމްރީނުން ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޑީޖޭޖޭއިން ބުންޏެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ޝީ ބިލްޑިންގްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްއެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.