ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޖޫރިމަނާކުރުމަށް ޖަހާ ޕާކިން ސްޓިކާ ލިބުން ދަތިވެ، ސްޓިކާ ޖެހުން މަޑުޖައްސާލައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޕާކިން ސްޓިކާ މަދުވެފައިވަނީ އެ ސްޓިކާ ބޭނުންވާ ވަރަށް ނުލިބުމުންނެވެ. އަދި އެ ސްޓިކާ އަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދޭންޖެހޭ އެއްޗަކަށްވާ އިރު، އެ މިނިސްޓްރީން އެ ސްޓިކާ ފުލުހުންނަށް ފޯރުކޮށްނުދޭތާ ހަތަރު މަސްދުވަސް ވެއްޖެއެވެ.

މިކާމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ ޕާކިން ވައޮލޭޝަން ސްޓިކާ ޖެހުން ހުއްޓާލާފައި ވަނީ ސްޓިކާ މަދުވުމުން ކަމަށެވެ. އަދި ހަމަހަމަކަމާއެކު އެކަން ނުކުރެވޭނެތީ ސްޓިކާ ޖެހުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ސްޓިކާ ފޯރުކޮށްނުދެނީތޯ އެހުމުން އޮފިސަރު ވަކި ޖަވާބެއް ނުދެއްވައެވެ.

މިކަމާ ގުޅިގެން "ވަން" އިން ޓްރާންސްޕޯޓުގެ ބަހެއް ހޯދައިލުމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ. އަދި މެސެޖު ކުރުމުންވެސް އެއްވެސް ޖަވާބެއްދީފައި ނުވެއެވެ.