މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ގއ. މާމެންދޫގައި މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގެ ޝަރީއަތް މިމަހު 12ގައި ފަށަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލައިގައި މިހާތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންތައްތައް ހުށަހެޅުމަށްޓަކައި ބާއްވަން ޖެހޭ އިބުތިދާއީ އަޑުއެހުންތަކެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ/ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ/ މުހައްމަދު މާޒިންގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައިފައެވެ.

މ،ި މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ގޮތުން ބާއްވަންޖެހޭ އެންމެ ފަހުގެ އަޑުއެހުމުގައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލައިގެ ދައުވާ ލިބޭ މީހުންގެ މައްޗަށް މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި 25 ސިއްރު ހެއްކެއްގެ ހެކިބަސް އެ މީހުންނާ ވަކި ހާޒިރެއްގައި ނެގުމަށް ދައުލަތުން އެދުނެވެ.

އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދައުލަތުން އެދުނު ގޮތަށް އެ ހެކިން ސިއްރުކޮށް، އެއީ ކޮން ބައެއްކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށް ނިންމަވައިފައެވެ.

މިއަދުގެ އަޑިއެހުމުގައި ދައުވާ ލިބޭ މާޒިންއާއި ޝަމީމުގެ ފަރާތުންވެސް ހުށަހެޅުންތަކެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި ދައުވާ ބާތިލުކުރުމަށާއިި ދައުލަތުން ހުށަހެޅި ބައެއް ހެކިބަސް ބަލައި ނުގަތުން ހިމެނެއެވެ. ނަމަވެސް އެކަށީގެންވާ މުއްދަތުގައި ދައުވާ އުފުލާފައިވާތީ އެ ދައުވާ ބާތިލުކުރަން ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ނިންމަވައި، ހެކިބަސް ބަލައި ނުގަތުމަށް ހުށަހެޅި މައްސަލައިގައި ގޮތް ނިންމަވާނީ ހެކިބަސް ނެގުމުގެ މަރުހަލާގައި ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަށްފަހު ގާޒީ ނިންމެވީ، މި މަހުގެ 12 ވަނަ ދުވަހު އެ މައްސަލައިގެ ޝަރިއަތް ފެއްޓެވުމަށެވެ. އަދި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހެކިބަސް ނެގުން ކުރިއަށް ގެންދެވުމަށްވެސް ގާޒީ ނިންމެވިއެވެ.