އިލެކްޝަން ކޮމިޝަން (އީސީ) އަށް ޕީޕީއެމްގެ 5،000 މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވެއްދި މައްސަލަ ކުރިން ހުށަހަޅާފައިވަނިކޮށް، ފިޔަވަޅު ނާޅައި އޭގެ ފަހުން ހުށަހަޅާ އެފަދަ މައްސަލަތައް ބެލުމަށް އީސީން ނިންމި ނިންމުން ބަލައިގަނެވެން ނެތް ކަމަށް ޕީޕީއެމުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް، ޕާޓީ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާވެސް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން، ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާ އިން އަދި އޭގެ ފަހުން 10،00 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމައިފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ، އެ ފިޔަވަޅު އަޅާނީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުށަހަޅާފައިވާ ފޯމުތަކަށް ކަމަށެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ފާޅުކަން ބޮޑުގޮތެއްގައި ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ވެއްދި މައްސަލަ އީސީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"އެހެން ޕާޓީތަކަށް ބަދަލުކޮށް ހިންގާފައިވާ ވައްކަންތައް ނުބަލައި، އެޕްރީލް އެކަކުން ފެށިގެން ފިޔަވަޅު އަޅަން އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ޕީޕީއެމްއިން ބަލައެއް ނުގަންނާނަން،" ތޮލާލް ވިދާޅުވިއެވެ.
ޕީޕީއެމްގެ މެމްބަރުންތަކެއް އެހެން ޕާޓީތަކަށް އޮޅުވާލައިގެން ރަޖިސްޓްރީ ކުރި މައްސަލައެއް މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ވެސް އެ ޕާޓީގެ ފަރާތުން ވަނީ އީސީއަށް ހުށަހަޅައިފައެވެ.
އެފަހަރު ތޮލާލް "ވަން" އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެޕާޓީގެ މެމްބަރުން އަދަދު މަދުވަމުންދާ ކަމަށެވެ. އެގޮތަށް އެކަންވަނީ އެހެން ޕާޓީތަކުން ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރުކުރުމުން ކަމަށެވެ.
ޕާޓީތަކުން ވަގު ފޯމު ހުށަހަޅާ މައްސަލަ ހުއްޓުވުމަށް އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބޭ މީހުން ފެންނާނެހެން އެ ކޮމިޝަންގެ ވެބްސައިޓުގައި ދަފްތަރު އާންމުކުރަން ފަށައިފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް އެ މީހަކު ރަޖިސްޓްރީވެފައިވާ ޕާޓީ އެސްއެމްއެސް އަކުން އަންގަން ވެސް ވަނީ ފަށައިފައެވެ.
ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި އެޕާޓީގެ މެމްބަރުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ބަދަލުކުރަނީ އީސީގެ އެއްބާރުލުމާއެކުގައެވެ. އެ ތުހުމަތު އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ ދޮގުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު