ޚަބަރު

މިހާރުގެ އޮފީހަށް ވަދެ ބިރުދެއްކި މައްސަލަ ބަލަން އެމްޖޭއޭއިން ގޮވާލައިފި

މުހައްމަދު އިޝާން

"މިހާރު" ނޫހުގެ ނޫސްވެރިންނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ އާއި "ވީޓީވީ"ގެ ނޫސްވެރިއެއްގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭޖެހި ކަމަށް ބުނާ މައްސަލަ ބަލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

"މިހާރު" ނޫހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހާއި އެ ނޫހުގައި މަސައްކަތް ކުރަމުންދާ ނޫސްވެރިންގެ އަގު ވައްޓާލުމަށް ބަޔަކު ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އެކަމަކީ އެ ނޫހުގެ ނޫސްވެރިންގެ އަބުރު ކަތިލުމަށް ހިންގާ ދަށު ދަރުޖައިގެ އަމަލެއް ކަމަށް ވެސް ބުންޏެވެ.

އެގޮތަށް އަގުވައްޓާލުމަށް ސާބިތު ނުހިފޭ ވާހަކަތެއް ފަތުރެމުގެ ނޫސްވެރިން ބުލީ ކުރުމާއި ފުރައްސާރަ ކުރުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އަދި އޭގެ ސަބަބުން ނޫހުގެ އޮފީހަށް ގޮތް ނޭގޭ މީހުން ވަދެ ބިރުދެއްކުމުގެ އަމަލެއް ދާދިފަހުން ހިނގާފައި ވެސް ވެއެވެ" މިހާރު ނޫހުން ބުންޏެވެ.

ނޫހާއި ނޫސްވެރިންނާ ގުޅޭގޮތުން ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ އެކި ހާލަތްތައް ބަޔާކޮށް އެކަންކަން މިއަދު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ނޫހުގައި ލިޔާ ބައެއް އާޓިކަލްތައް އޭގެ ހަގީގަތް އޮޅުވާލައިގެން ސުވާލު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ފޯސްޓުތައް ހަދައި، މީހުންގެ ހިތުގައި އެ ނޫހާއި ނޫސްވެރިންނާ ދޭތެރޭ ނަފުރަތު އުފެއްދުމަށް ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު" ނޫހުގެ ނޫސްވެރިންނަށް ބިރު ދެއްކި މައްސަލައިގައި އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރިން ލިޔާ ލިޔުމަކާއި ނުވަތަ ކުރާ މަސައްކަތާ ގުޅުވައި ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަކޮށް ބިރު ދެއްކުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

"ނޫސްވެރިންނަށް ނުރައްކަވާ ފަދަ ގޮތަކަށް ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަ ކުރުމަކީ އެއް ގޮތަކައް ވެސް ބަލައިގަނެވޭނެ ކެމެއް ނޫން. އަދި އެކަން ހަރުކަށި އިބާރާތުން މި ޖަމިއްޔާއިން ކުށްވެރިކުރަން،" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ، "މިހާރު" ނޫހުގެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ހާލަތު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އެ ނޫހުން ބުނެފައިވާއިރު، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.

"ވީޓީވީ" ނޫސްވެރިއަކު ޕީޕީއެމް/ޕީއެންސީ ރޭ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގައި ބައިވެރިވި މީހަކު ހައްޔަރުކޮށް ވެހިކަލަށް އަރުވަން ދަނިކޮށް އެ ނޫސްވެރިއާގެ ލޮލަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފައެވެ.

"ވީޓީވީ" ނޫސްވެރިއާގެ ލޮލަށް ޕެޕާ ސްޕްރޭކުރި މައްސަލައާ ގުޅިގެން އެމްޖޭއޭއިން މިއަދުކުރި ޓުވީޓެއްގައި ބުނީ، މުޒާހަރާ ކަވަރު ކުރަމުންދާ ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރާ މައްސަލަތަކާ ގުޅިގެން އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ނޫސްވެރިޔާގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހި ފުލުހުންގެ އޮފިސަރުގެ މައްސަލަ ބެލުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސިއެމް) އާއި ފުލުހުންނަށް އެމްޖޭއޭއިން ވަނީ ގޮވާލައިފައެވެ.