ދެހާސް ސަތާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ، ގޯލްޑްލީފް/ ހާރިސް އަބްދުލްއަފޫރު މަރުގެ މައްސަލައިގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބާއްވަން ނިންމައިފިއެވެ.

ހާރިޝް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލަކު، ހިލްޓަން/ ޔާމިން ރަޝީދުގެ މައްޗަށެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަނީ ދެން އޮންނާނީ ހެކިވެރިން ހާޒިރުކުރަން އިތުރު ޝަރީއަތެއް ބޭއްވުމުގެ ބަދަލުގައި ހުލާސާ ބަޔާން އިއްވާ ޝަރީއަތާއި ހުކުމްކުރާ ޝަރީއަތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއިރު ގާޒީ ވިދާޅުވީ، މިދިޔަ މާޗު މަހު ހުލާސާ ބަޔާން އިއްވާ ޝަރީއަތް ބޭއްވުމަށްފަހު އެޕްރީލް މަހު ހުކުމްކުރާ ޝަރީއަތް ބާއްވާނެ ކަމަށެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޔާމީންގެ ދިފާއީ ވަކީލް އާދަމް އާސިފް ވަނީ، ދިފާއީ މުހިންމު ހެކިތަކެއް ހުށަހަޅާފައިވީ ނަމަވެސް އެ ހެކީންގެ ހެކިބަސް މިހާތަނަށް ނަގާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަން އިތުރު އަޑުއެހުމެއް ބޭއްވުމަށާއި ހެކިންގެ ހެކިބަސް ނެގުމަށް އާސިފް އެދިލެއްވިއެވެ.

އެކަމަށް ރައްދުދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ، ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހެކީގެ އުންސުރު ހަމަނުވާ ކަމަށާއި އެހެންކަމުން އެ ހެކީންނަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކީންނެއް ނޫން ކަމަށެވެ.

އެ ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ އާދަމް މުހައްމަދު ނިންމެވީ، އެ މައްސަލައިގައި އިތުރު ހެކީންގެ ހެކިބަސް ބަލައިނުގަންނާނެ ކަމަށެވެ. ނަމަވެސް ހެކީންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދައުލަތުންވެސް އިއުތިރާޒެއް ނުކުރާތީ އެފަދަ އަޑުއެހުމެއް ބޭއްވިދާނެ ކަމަށް ވިދާޅުވިއެވެ.

ހެކީންނާ ގުޅޭ ގޮތުން ވާހަކަ ދައްކަން ކިހާ މުއްދަތެއް ބޭނުންވޭތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލް ވަނީ އެއް ދުވަހުގެ މުއްދަތެއްވެސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެފައެވެ. ދިފާއީ ވަކީލް އެދިލެއްވީ 10-15 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ.

އެހެންކަމުން، އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ނިންމެވީ ހެކީންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި އަޑުއެހުމެއް ބާއްވައި، މިމަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ހުލާސާ ބަޔާން އިއްވަން އަޑުއެހުމެއް ބޭއްވުމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ޔާމީން ވަނީ ބޭސް ފަރުވާއަށް ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ. އެ ޝަރީއަތުގައި އޭނާގެ ވަކީލު ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ޔާމީނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން ޔާމީނަށް ހަމަލާ ދިނުމުން އޭނާގެ ގޮހުރޮ ފޫއަޅޫވާލައި ހަތިޔާރު ވަދެފައިވާތީ، ދެ އަހަރު ވަންދެން ފަރުވާދޭން ޖެހުނު ކަމަށެވެ.

އެ މާރާމާރީގައި ޔާމީނަށް ހަމަލާދީފައި ވަނީވެސް ހާރިސްއެވެ. އެ މައްސަލައާ ގުޅިގެން ހާރިސް ހައްޔަރުކުރުމަށް ފަހު ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ހާރިސް ބެލި ޑޮކްޓަރު ތައްޔާރު ކުރި ރިޕޯޓާ ގުޅޭ ގޮތުން ހެކިބަސް ދެމުން ޑޮކްޓަރަކު މީގެ ކުރިން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށާއި އޭނާގެ ހަށިގަނޑުގެ 15 ތަނެއްގައި ޒަހަމްތައް ހުރިއިރު، އެންމެ ބޮޑު ޒަހަމެއް ހުރީ ކަރުގައި ކަމަށެވެ. އަދި އެ ޒަހަމްތަކުގެ ސަބަބުން ކަރުތެރޭގައި ހުރި ނާރުތައްވެސް ފެންނަން ހުރި ކަމަށެވެ.