އަސަރުގަދަ އަލް ވަދާއުގެ މެސެޖަކާއެކު ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމާފައިވާކަން ގެރެތު ބޭލް ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ބޭލް، ރެއާލްއާއެކު ވެފައިވާ އެއްބަސްވުން ހޫނު މޫސުމުގެ ނިޔަލަށް ހަމަވާނެއެވެ. އުމުރުން 32 އަހަރުގެ ބޭލް ރެއާލް ދޫކޮށްލަނީ ނުވަ އަހަރަށް ފަހުގައެވެ. އޭނާ ރެއާލްއާ ގުޅިފައި ވަނީ 2013 ވަނަ އަހަރުއެވެ. ޓޮޓެންހަމްއިން ރެއާލްއަށް ބޭލް ބަދަލުވީ އޭރުގެ ރެކޯޑު ޓްރާންސްފާ އަގެއް ކަމަށްވާ 85 މިލިއަން ޕައުންޑަށެވެ.
ރެއާލްއާއެކު ބޭލް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ ކްލަބާއެކު ފަސް ފަހަރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ތިން ފަހަރަށް ލަލީގާ ކާމިޔާބުކޮށް، ބޭލް ވަނީ ސްޕެނިޝް ކަޕްވެސް ރެއާލްއާއެކު ކާމިޔާބު ކޮށްފައެވެ. ރެއާލްގައި ބޭލް ހޭދަކުރި ފުރަތަމަ ދުވަސްތަކުގައި އޭނާގެ ފަރާތުން ރަނގަޅު ފޯމެއް ފެނުނު ނަމަވެސް، މިދިޔަ ދެ އަހަރެއްހާ ދުވަހު ބޭލް ފެނުނީ ދަށް ކޮށެވެ.
ބޭލްގެ ފޯމު ގެއްލުމުން ރެއާލްގެ ސަޕޯޓަރުންނާއި ނޫސްވެރިންގެ ފަރާތުންވެސް ބޭލްއަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ އިރު، އޭނާއަށް ސަޕޯޓަރުން ވަނީ ބައެއް މެޗުތަކުގައި "ބޫ" ވެސް ކޮށްފައެވެ. ކްލަބާމެދު ހިތްހަމަ ނުޖެހި ބޭލް 2020-21 ވަނަ އަހަރުގެ ސީޒަން ހޭދަކުރީ ލޯނެއްގައި ޓޮޓެންހަމްގައެވެ.
"އަހަރެން މި މެސެޖު މި ލިޔަނީ ސަޕޯޓަރުންނާއި އަހަންނާއެކު ރެއާލްއަށް ކުޅުނު، އަދި ކުޅެމުންދާ ހުރިހާ ކުޅުންތެރިންނާއި ކޯޗުކަންނަށް އަދި ރެއާލްގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށް. އަހަރެން މީގެ ނުވަ އަހަރު ކުރިން ރެއާލްއަށް ދިޔައީ ޅަ ދުވަސްވަރުގައި. އެއިރުގެ ހުވަފެނަކީ ރެއާލް ޖާޒީގައި ކުޅުން. އެކަން ހާސިލްވެއްޖެ. ރެއާލްގެ ހުދު ޖާޒީގައި، ރެއާލްގެ ބެޖު މޭމަތީގައި ޖަހައި، ރެއާލްގެ ޝަރަފުވެރި ސަންތިއޭގޯ ބާނަބެއޫގައި ކުޅެ، ތަށިތައް ހޯދުމަކީ ހުވަފެންތައް ހަގީގަތަކަށްވުން. ހާއްސަކޮށް މި ކްލަބާއެކު އަހަންނަށް ޗެމްޕިއަންސް ލީގު އުފުލާލެވުމަކީ އަބަދުވެސް އަހަރެންގެ ހަނދާނުގައި ހުންނާނެ ކަންކަން،" ބޭލްގެ ވަދާއީ މެސެޖުގައިވެއެވެ.
ބޭލްގެ ވަދާއީ މެސެޖުގައި ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
ބޭލް މިވަގުތު ހުރީ ވޭލްސް ސްކޮޑާއެކު ތަމްރީނުތަކުގައެވެ. ވޭލްސްގެ ކެޕްޓަން ބޭލްއަށް މިވަގުތު އޮތް އެންމެ މުހިއްމު މަސައްކަތަކީ ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ކޮލިފައިވުމުގެ މަސައްކަތެވެ. ވޭލްސްއަށް ވޯލްޑް ކަޕް ލިބެން އޮތީ ޔޫރަޕްގެ ކޮލިފިކޭޝަން ފައިނަލް ބުރުގައި ޔޫކްރެއިން އާއި ސްކޮޓްލޭންޑް ކުޅޭ މެޗުން މޮޅުވާ ޓީމެއް، އެންމެ ފަހު މެޗުގައި ބަލިކޮށްފައެވެ.
ބޭލް ރެއާލް ދޫކޮށްލަން ނިންމައި، އެކަން އިއުލާން ކޮށްފައިވާ އިރު، އޭނާ ދެން ފެންނާނެ ކްލަބެއް އަދި ނޭނގެއެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ބޭލް ފެނުން އެކަށީގެންވަނީ ކާޑިފް ސިޓީ ނޫނީ ޓޮޓެންހަމްގެ އިތުރުން އެމެރިކާގެ މޭޖާ ލީގު ސޮކާއިންނެވެ.