ޚަބަރު

ޕީޖީ ޝަމީމު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ބައެއް ޕީޖީ މެންބަރުން ފައްޓަވައިފި

ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން ފައްޓަވައިފިއެވެ.

އެ މަސައްކަތް ފަށާފައިވަނީ މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް އެކަން ހުށަހަޅައިގެންނެވެ. އެމްޑީޕީގެ މަޖިލިސް މެންބަރަކު މިއަދުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުމުން އެކަމަށް ބައެއް މެންބަރުން ތާއީދުވެސް ކުރެއްވިއެވެ. ނަމަވެސް މިއަދުގެ ބައްދަލުވުުގައި އެ މައްސަަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދިި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ވަން" އަށް ވިދާޅުވީ އެ މައްސަލަ މިއަދުގެ ބައްދަލުވުމަށް ހުށަހެޅީ އެޖެންޑާ ކޮށްގެން ނޫން ކަމަށެވެ.

އެއީ އެހެނިހެން ކަންތައްތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމަށް މެމްބަރަކު ހުށަހެޅުއްވި މައްސަލައެއް ކަމަށާއި އެހެންކަމުން އެ މަސައްލައަަށް މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނުނިންމީ، އެއީ މުހިންމު ބޮޑު މައްސަލައަކަށްވާތީ އެކަމަށް އެޖެންޑާ ކޮށްގެން ވަކި ބައްދަލުވުމެއް ބާއްވަން ވެގެން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީޖީގެ މައްސަލަ ހުށަހެޅުއްވީ އޭނާ ޒިންމާ އަދާކުރައްވާ ގޮތާމެދު ހިތްހަމަނުޖެހިން ކަަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވީ ކޮން މެންބަރެއް ކަމެއް އަސްލަމް ވިދާޅެއްނުވިއެވެ.

ޕީޖީ ޝަމީމާ މެދު އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައާއި އަދިވެސް އެހެން ހުރި ބޮޑެތި މައްސަލަތައް ކުރިއަށްދާ ގޮތާމެދު ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.