ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން މާދަމާ ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާދަމާ މެންދުރުފަހު 1:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުން އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރާނެ ކަމަށެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ދެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، ގާޒީ އަހުމަދު ޝަކީލް ވަނީ އެ މައްސަލައިގައި އިބްތިދާއީ ބަޔާން އިއްވައި، ޝަރީއަތް ފަށާއިރު ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އާރަށު މައްސަލަ ލައިވް ނުކުރާތީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ލައިވް ކުރުމަކީ ޝަރީއަތް އިންސާފުވެރިކޮށް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި އާންމުންނާ ގުޅޭ ބައެއް މައްސަލަތައް ދެ ފަރާތުންވެސް އެދޭ ނަމަ ލައިވްކޮށްގެން ކުރިއަށްގެންދެއެވެ. އެގޮތަށް އެ ކޯޓުން ލައިވް ކުރި ފުރަތަމަ މައްސަލައަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކުރުމުގެ ތެރެއިން ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު، ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނާ މައްސަލަވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.