ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި މީހުންގެ ތެރެއިން ގއ. ވިލިގިނލި/ ލައިޓްހައުސް، ޝަހީބް އިބްރާހީމަށް ކުރާ ދައުވާ ބާތިލުކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

އެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް އެކަމާއި ގުޅޭ ދައުވާ އުފުލާފައިވަނީ ޝަހީބުގެ އިތުރުން ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހުމަދު މޫސާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުރަތަމަ ކުރިއަށްގެންގޮސްފައި ވަނީ އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށައެޅުމުގެ ބައެވެ.

ހުށަހެޅުންތައް ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުން ހުށަހެޅީ އެންމެ ހުށަހެޅުމެކެވެ. އެއީ ޝަހީބުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ޝަހީބުގެ ފަރާތުން ހުށަހަޅާފައިވަނީ ހާދިސާ ހިނގި ތަނުގައި އޭނާ ނެތްކަމުގެ ދިފާއު ކަމަށެވެ. އަދި އެގޮތަށް އެ ދިފާއު ނަގާ ނަމަ، ތަހުގީގީ މަރުހަލާގައި އެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭންޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 122 ވަނަ މާއްދާއިން ލާޒިމުކުރާ ކަމަށް ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް ޝަހީބުގެ ފަރާތުން ރައްދުދެއްވަމުން އޭނާގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ހެކި ހުށަހަޅާފައި ވަނީ މި މައްސަލައިގައި ހިމެނޭ ޖަމްބޯ ދޯނި ކަފުޖަހައިގެން ގެންދިއުމުގައި ޝަހީބުގެ ބައިވެރިވުމެއް ނެތްކަން ހާމަކުރުމަށް ކަމަށާއި އެއީ ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ނެގުމަށް ހުށަހަޅާފައިވާ ހެކިތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެއަށްފަހު ޝަހީބުގެ ފަރާތުން ވަނީ ތިން ހުށަހެޅުމެއް ހުށަހަަޅައިފައެވެ. ފުރަތަމަ ހުށަހެޅުމަކީ ޝަހީބާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިން ބަލައި ނުގަތުމަށް ހުށަހެޅި ހުށަހެޅުމެވެ. އެއީ، ޝަހީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި މައްސަލައާ ގުޅުން ނެތް ހެކިތަކެއް ކަމަށްވާތީ ކަމަށް ޝަހީބުގެ ވަކީލް ވިދާޅުވިއެވެ. އެގޮތުން އޭގެން އެއްވެސް ހެއްކެއްގެ ފަރާތުން މަސްތުވާތަކެއްޗާއި ޝަހީބާ ގުޅުވާލެވޭނެ ފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށް ވިދާޅުވިއެވެ.

ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅީ، އެ މައްސަލައިގައި ތުހުމަތުވާ މީހުންގެ ތަހުގީގީ ބަޔާންތައް ޝަރީއަތަށް ބަލައިނުގަތުމަށެވެ. ފަހު ހުށަހެޅުމެއްގެ ގޮތުގައި ޝަހީބުގެ ފަރާތުން ހުށަހަޅާފައިވަނީ، އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލައި އިރު، އެއީ އެކަށީގެންވާ ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، އެ މައްސަލައަކީ ޝަރީއަތެއް ކުރެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ އަޑުއެހުމަކީ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެކެވެ.