ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރާ ގއ. ވިލިގިނލި/ ލައިޓްހައުސް، ޝަހީބް އިބްރާހީމާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހުމަދު މޫސާ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

އެ މައްސަލައިގައި އެ ދެމީހުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރުމުން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށް ފަހު، މިދިޔަ އޭޕްރީލް 24 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތީ އިބްތިދާއީ އަޑުއެހުމާއި ބަންދާމެދު ގޮތެއް ނިންމުމުގެ ބައެކެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ޝަހީބު ވަނީ އޭނާއަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ކަންކަން އެންމެ އެކަށީގެންވާ ވަރަށް ފޯރުކޮށްނުދެވޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސިއްހީ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ، 11 ޝަކުވާ ފޯމެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އޭގެން އެއްވެސް ފޯމަކަށް ޖަވާބެއް ދީފައިނުވާ ކަމަށް ބުންޏެވެ.

"އެމްއާރުއައި އިން ދައްކާ މަތީގެ ދެބަދަ ގޮސްފައި އިން ކަމަށް. މިފަހުން އަޅުގަނޑު ވާނެ ހާއްސަ ޑޮކްޓަރެއްގެ ކައިރިން އެމްއާރުއައި ހައްދާފައި. އޭގެން އެބަ ދައްކާ ތިރީގައި އޮތް ދެ ބަދައާއި މަތީގައި އެއްބަދައިގެ އިތުރުން ޓޯޓަލް ފަސް ބަދަ މިހާރު ގުޑާފައި އިން ކަމަށް. ކަށީގެ ހާއްސަ ޑޮކްޓަރު އެބައިން އަޅުގަނޑަށް ލަފާދީފައި ކޮންމެ ދުވަހަކު ކަސްރަތު ކުރުމަށް. ކުރީގައި ކަސްރަތަށް ނުނެރެނީ ޑޮކްޓަރު ކޮން ކަހަލަ ކަސްރަތެއްކަން ބަޔާންކޮށްފައި ނެތީމާ. މިހާރު ޑޮކްޓަރު އެބައިން ކޮން ކަސްރަތެއްކަން ކުރަން ޖެހޭނީ. ހާއްސަކޮށް ލިޔެކިއުމުން ދައްކާފައި. ދެން ޑޮކްޓަރު އެބައިން ލަފާދީފައި ކޮންމެ ދުވަހަކު ކަސްރަތު ކުރުމަށާއި ކޮންމެ ދުވަހަކު ސުވިމިންއަށް ނެރުމަށާއި ފިޒިއޯތެރަަޕީ ތިން މަހަށް ނަގައިދިނުމަށް،" ބޭސްފަރުވާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ޝަހީބު ބުންޏެވެ.

ޝަހީބު ވަނީ ފިޒިއޯތެރަޕީ ދެ ސެޝަން ފިޔަވައި އެހެން ސެޝަންތަކެއް ނަގައިދީފައި ނުވާ ކަމަށް ބުނެފައެވެ. އަދި ނަފްސާނީ ބޭސް ލިބިފައިނުވާ ކަމަށާއި ކުޑަމިނުން ޕެނަޑޯލް ގުޅައެއްގެ މިންވަރުވެސް ފޯރުކޮށްދީފައިނުވާ ކަމަށް ބުންޏެވެ.

އަހުމަދު މޫސާގެ ފަރާތުން ސިއްހީ ކަންކަން ފާހަަގަކޮށްފައި ނުވާއިރު، އޭނާގެ ފަރާތުން އެދުނީ ބަންދުން ދޫކޮށްދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން އިހުތިރާމު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ބަންދުގައި ތިބޭ ފަރާތްތަކުގެ ބަންދު މުރާޖައާ ކޮންމެ 30 ދުވަހަކުން ކުރަން މަޖިލީހުން ފާސްކޮށް ގާނޫނުގައި އެކަން ބަޔާންކުރީ ވަކި ސަބަބުތަކާހުރެކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ، ޝަރީއަތުން ބަންދު ކޮށްފައި ތިބޭ ފަރާތްތަކުގެ ހާލަތު ބެލިފައިވާ މިންވަރު ދައުލަތުގެ ފަރާތުން އެނގުން މުހިންމު ކަމަށެވެ. އަދި އެ މީހުންގެ ސިއްހީ ފަރުވާގެ ކަންކަންދާ ގޮތް ލިޔުމުން ޝަރީއަތަށް ހުށަހަޅަން ދައުލަތަށް އަންގައި، އިސްގާޒީ އަހުމަދު ޝަކީލު ވަނީ އެ ދެމީހުންގެ ބަންދު ދަމަހައްޓައިފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.