ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް ކުލަބު ވެމްކޯއާއި ޕޮލިސް ކުލަބު ދަތުރުކޮށްފިއެވެ.

މިފަހަރުގެ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގައި 10 ޓީމަކުން ބައިވެރިވެފައެވެ. އެ 10 ޓީމު ދެ ގުރޫޕަކަށް ބަހާލާފައިވާ އިރު، ގުރޫޕް އޭގައި ހިމެނެނީ ކުލަބު ވެމްކޯއާއި ކުލަބު ވޮލީބޯލް، އަލްމާ ސްޕޯޓްސް ކުލަބު، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކުލަބު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކުލަބު އީގަލްސް، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލިންކޭޖެވެ.

ވެމްކޯއަކީ އެންމެފަހުން ބޭއްވި އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަން ޓީމެވެ. އަނެއްކޮޅުން ޕޮލިހަކީ އެ މުބާރާތުގައި ވެމްކޯއާ ދެކޮޅަށް ފައިނަލުގައި ނުކުތް ޓީމުވެސް މެއެވެ.

ވެމްކޯ ސެމީގެ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އެ ގުރޫޕުގެ މެޗުތައް ނުނިމެނީސް ސެމީގެ ޖާގައެއް ކުލަބު ވޮލީބޯލްއަށްވެސް ވަނީ ޔަގީންވެފައެވެ. ނަމަވެސް ގުރޫޕުގެ އެއްވަނަ ޔަގީންވާނީ ގުރޫޕް ސްޓޭޖުގައި ވެމްކޯއާއި ކްލަބު ވޮލީބޯލް ކުޅޭ މެޗަށްފަހުއެވެ.

ގުރޫޕް ބީ އިން ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައިވާ ޕޮލިހުންވެސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށްފައެވެ. އެ ގުރޫޕުން ދެން ސެމީ ފައިނަލަށް ދާ ޓީމު ޔަގީންވާނީ ހުކުރު ދުވަހުގެ ރޭ އޮންނަ ގުރޫޕް ސްޓޭޖު ފަހު މެޗުތަކަށް ފަހުއެވެ.

ވެމްކޯއިން ގުރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކުރީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-7، 25-11 އަދި 25-4 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާއެވެ.

ގުރޫޕް ބީގައި ޕޮލިހުގެ ވަރުގަދަ ފެށުން އެ ޓީމުން ދެމެހެއްޓީ ތިން ވަނަ މެޗުގައި ހާފް ލައިން ލިންކޭޖް 3-1 ސެޓުން ބަލިކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ސެޓުން ޕޮލިހުން ފަސޭހަކަމާއެކު 25-8، 25-3 އިން ކާމިޔާބުކުރި އިރު، ތިންވަނަ ސެޓަށް ޓީމު ބަދަލުކޮށްލިއެވެ. ޓީމު ބަދަލުކޮށްލުމުން ހާފް ލައިން ލިންކޭޖުން ވަނީ އެ ސެޓު 23-25 އިން ގެންގޮސްފައެވެ. އެ ސެޓު ޕޮލިހަށް ގެއްލުނު ނަމަވެސް ހަތަރު ވަނަ ސެޓުގައި އަނެއްކާވެސް ޕޮލިހުން ކުޅުން ވަރުގަދަކޮށް 25-5 އިން ސެޓު ގެންގޮސް، މެޗު ކާމިޔާބުކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ކުލަބުގެ ނޭޕާލް އެޓޭކަރު ކަމަނާ ބިސްތާއެވެ.

އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށް ހުރި އިރު، ހުކުރު ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އަލްމާ ސްޕޯޓްސް ކުލަބާއި ޔޫތު ނިއު ޖެނެރޭޝަނެވެ. އެރޭ ކުޅޭ ފަހު މެޗުގައި ކުލަބު އީގަލްސް ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާއި ދެކޮޅަށެވެ.