އަންނަ އަހަރުގެ މެދުތެރޭގައި ތިލަމާލެ ބުރިޖުން މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރެވޭ ގޮތަށް ހުޅުވާލެވޭނެ ކަމަށް އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް އިން ބުނެފިއެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ އެންމެ މުހިންމު ސާވޭގެ ތެރޭގައި ހިމެނޭ "ޖިއޯޓެކްނިކަލް ސާވޭ" މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ. އަދި ބުރިޖުގެ ފައުންޑޭޝަން މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ފަރާތުން އިންޑިއާއަށް ކުރާ ދަތުރުގައި ބައިވެރިވާ ދިވެހި ނޫސްވެރިންނާ މިއަދު ބައްދަލުކޮށް، އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އެފްކޮންސްގެ އޮޕަރޭޝަންސް ޑިރެކްޓަރު އާރްވީއާރް ކިޝޯރު ވިދާޅުވީ ތާވަލުކުރެވިފައިވާ މުއްދަތުގެ ތެރޭގައި އެ މަޝްރޫއު ނިންމައިލެވޭނެ ކަމަށެވެ.

"ދިވެހިން މާޔޫސްވާ ކަމެއް ދިމައެއް ނުވާނެ. ނިންމުމަށް ތާވަލުކޮށްފައިވާ މުއްދަތުގެ ތެރޭގައި ބުރިޖުގެ މަސައްކަތް ނިންމައިލެވޭނެ. އަންނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ މެދުތެރޭގައި މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ކިޝޯރު ވިދާޅުވީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ގުޅިފަޅަށް ބުރިޖު ގުޅައިލުމުގެ މަސައްކަތް ނިމޭނެ ކަމަށާއި އަދި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ މަޝްރޫއު އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން މަޝްރޫއުގެ މަސައްކަތުގައި 1000 މީހުންގެ ބޮޑު ޓީމަކުން ހަރަކާތްތެރިވާ ކަމަށް ވިދާޅުވިއެވެ.

އެފްކޮންސްއަކީ ބުރިޖު ތަރައްގީކުރުމުގެ މަސައްކަތްތަކަށް ދުނިޔޭގައި ނަން މަޝްހޫރު ކުންފުންޏެކެވެ. އިންޑިއާގެ އިތުރުން ގިނަ އެހެން ގައުމުތަކެއްގައި ވެސް އެކުންފުނިން ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގައި ފުރިހަމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ތިލަމާލެ ބުރިޖުގެ ނިމެމުންދާ ބައި ހުޅުވަމުން ދިއުމެވެ. އަދި 2023 ނިމޭއިރު ބުރިޖު އެއްކޮށް ނުނިންމުނު ނަމަވެސް، ބޮޑު ބައެއް ނިމޭނެ ކަމުގެ ޔަގީންކަން ރައީސް އެއިރު ދެއްވިއެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.