އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖޭގައި ގާނޫނު އެކުލަވާލާފައިވީ ނަމަވެސް އެ ގާނޫނުތަކުން އަންހެނުންގެ ހައްގުތައް އެންމެ ރަނގަޅަށް ކަށަވަރުކޮށް ނުދެވޭ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި އިންޓަނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވޯކް (އައިކޭން)ގެ 9 ވަނަ "ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް" އިފުތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޝަކީލާ ވިދާޅުވީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ގާނޫނުއަސާސީއެއް އެކުލަވައިލި އެއް ގައުމަކީ ރާއްޖެ ކަމަށާއި އެއީ 1932 ވަނަ އަހަރުގައި ކަމަށެވެ. އެ ގާނޫނުތަކުގެ ބޭނުމަކީ އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކޮށް، ސިޔާސީ މައިދާނުގައި ކުރިއަށް ނެރުން ކަމަށް ވިދާޅުވިއެވެ.

ޝަކީލާ ވިދާޅުވީ އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން 1993 ވަނަ އަހަރު ޖެންޑާ މިނިސްޓްރީ އުފެއްދި ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލަވާލައިފައިވާ ކަމަށެވެ. އާއިލާއާ ބެހޭ ގާނޫނާއި ޖެންޑާ އިކުއަލިޓީ ގާނޫނުން އަންހެނުންނަށް ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށް ޑރ. ޝަކީލާ ވިދާޅުވިއެވެ.

"މި ހުރިހާ ގާނޫނުތަކެއް އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭތޯ؟ އަޅުގަނޑު ވިދާޅުވާނީ ނޫނެކޭ. އަޅުގަނޑު ވިދާޅުވާނީ އެ ގާނޫނުތައް ތަންފީޒުކުރަނީ ސެލެކްޓިވްކޮށޭ، އަޅުގަނޑުމެން ފެއިލްވެއްޖެ އެ ގާނޫނުތައް ތަންފީޒުކޮށް އަމަލުކުރުމަށް. އަދި އެގާނޫނުތައް ތަންފީޒުކުރޭތޯ މޮނިޓާ ކުރުމަށް،" ޑރ. ޝަކީލާ ވިދާޅުވިއެވެ.

ޑރ. ޝަކީލާ ވިދާޅުވީ، އަންހެނަކަށްވީތީ ކުރިމަތިލާން ޖެހޭ ދަތިތައް ރާއްޖޭގައި ގިނަ ކަމަށެވެ. ދީނީ ގޮތުން ބައެއް މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ސަބަބުން އަންހެނުންގެ ކުރިއެރުމަށް ހުރަސް އެޅޭ ކަމަށާއި އެފަދަ މީހުންގެ ފަރާތުން އަންހެނުންނަށް ގިނަގުނަ ޖިސްމާނީ އަނިޔާތަކެއް ލިބެމުންދާ ކަމަށްވެސް ޑރ. ޝަކީލާ ވިދާޅުވިއެވެ.

އައިކޭން އައްޑޫ ވިމެންސް އެސޯސިއޭޝަން (އޭޑަބްލިޔުއޭ) އަދި ވިމެންސް އެލަޔަންސް ފޮ ސެކިއުރިޓީ ލީޑާޝިޕް (ޑަބްލިޔުއޭއެސްއެލް)ގެ މެމްބަރުން ގުޅިގެން ރާއްޖޭގައި ބާއްވާ "ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް"ގައި ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުގެ ޕީސްބިލްޑަރުންނާއި ސަލާމަތީ ދާއިރާގެ މާހިރުން ބައިވެރިވެއެވެ. އެ ފޯރަމް ކުރިއަށްދާނީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައެވެ.

އައިސީއޭއެންއަކީ ހަމަނުޖެހުމާއި ހައްދުފަހަނައެޅުމާއި ހަނގުރާމަ އާއި ސިޔާސީ ފިއްތުންތައް ކުރިމަތިވެފައިވާ ގައުމުތަކުގައި ދެމެހެއްޓެނިވި ސުލްހަ ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ އެ ޖަމިއްޔާ އުފައްދާފައިވަނީ 2006 ވަނަ އަހަރުއެވެ. އެ ޖަމިއްޔާގެ ފުރަތަމަ އައިސީއޭއެން ފޯރަމް ބާއްވާފައިވަނީ 2012 ވަނަ އަހަރު ތުރުކީގެ ވެރިރަށް އިސްތަންބުލްގައެވެ.