ދުންފަތުގެ ސަބަބުން ރާއްޖެއިން އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 150 މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ހާމަކޮށްފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓެއްގައެވެ.

އެރިޕޯޓުގައިވާގޮތުން ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއްދުވަހު އެކަކު) ސީދާ ދުންފަތުގެ ސަބަބުން މަރުވާ ކަމަށެވެ. ދުނިޔޭގައިވެސް އަދި ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބީ ދުންފަތް ކަމަށާއި ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވޭންދެނިވި އަދި ދިގު މުއްދަތުގެ ބަލިތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ދުންފަތުގެ ވިހަ ދުމާއި ވިހަ އާތްވަށް ހުށަހެޅުމުގެ ސަބަބުން ދުނިޔޭގައި ކޮންމެ އަހަރަކު އަށް މިލިއަން މީހުން މަރުވާ އިރު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށްވާ ގެއްލުމުގެ އިތުރުން ވެއްޓަށްވެސް އެތަކެއް ގެއްލުން ލިބޭ ކަމަށެވެ.

އަށް މިލިއަން މީހުންގެ ތެރެއިން 1.2 މިލިއަން މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ނަމަވެސް އެމީހުންނަކީ ދުންފަތުގެ ނުސީދާ ދުމަށާއި އާތްވަށް ހުށަހެޅިގެން މަރުވާ މީހުން ކަމަށްވެސް ބުނެފައިވެއެވެ. މީގެ ތެރޭގައި 65000 ކުޑަކުދިން ހިމެނޭ ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރިޕޯޓްގައި ވަނީ ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު އެއް ބިލިއަނަށްވުރެ އިތުރުވެފައިވާ ކަމަށާއި ތަރައްގީވެފައިވާ އަދި ތަރައްގީގެ ކުރީސަފުގައި ދަތުރުކުރަމުންދާ ގިނަ ގައުމުތަކުން އެ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދައްކޮށްފައިވާ ކަމަށެވެ.

މީގެތެރޭގައި ތަރައްގީވަމުން އަންނަ ރާއްޖެއާ އެއްހަމައެއްގައި މިންކުރެވޭ މި ސަރަހައްދުގެ ގައުމުތައްވެސް ހިމެނެއެވެ. އެންމެ ބޮޑަށް ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އާއްމު ސިއްހަތުގެ މައްސަލައެއް ކަމަށް ނުބަލާ މިންވަރަށް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ބެހެއްޓުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ރާއްޖެއާ އެއްފަންތީގައި ހިމެނޭ ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅައި ކިޔާއިރު، ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަތިކަން ފާހަގަ ކުރެވޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން 2016-2017 ގައި 15 އަހަރާއި 49 އަހަރާ ދެމެދު އުމުރުފުރާގެ މީހުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ 22.6 ޕަސެންޓު މީހުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ޖުމްލަ އަދަދުގެ ފިރިހެނުންގެ ހިއްސާ އަކީ 97.2 ޕަސެންޓެވެ. އަންހެނުންގެ ހިއްސާއަކީ 2.8 ޕަސެންޓެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ ސްޓެޕްސް ސާވޭގެ ވަގުތީ ނަތީޖާއަށް ބަލާއިރު، 23.1 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޖުމުލަ އަދަދުގެ ފިރިހެނުންގެ ހިއްސާއަކީ 64.4 ޕަސެންޓެވެ. އަންހެނުންގެ ހިއްސާއަކީ 35.6 ޕަސެންޓް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ބޮޑެތި މީހުންގެ ތެރޭގައި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު ތެރޭ، މި އަދަދު އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހިއްސާވާ މިންވަރަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފުރާވަރު އުމުރުގެ ކުދިންނާއި ކުޑަކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އުމުރަކީ އުމުރުން އެންމެ ހަތް އަހަރަށްވުރެ ދަށްވުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރުގައި ރާއްޖޭގައި 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރޭގައި ހެދި ގްލޯބަލް ސްކޫލް ހެލްތު ސާވޭއިން ދައްކާ ގޮތުގައި ހަތް އަހަރަށްވުރެ ކުޑައިރުގައި ދަރިވަރުން ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައިވެއެވެ.

މި ސާވޭތަކުން ދައްކާ ގޮތުގައި 13 އަހަރާއި 17 އަހަރާ ދެމެދު ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު 2009 ވަނަ އަހަރުގައި 14.7 ޕަސެންޓުން 2014 ގައި 12.3 އަށް ވަނީ ދަށްވެފައެވެ. އެއީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު ތަންފީޒު ކުރަން ފެށުމުގެ ނަތީޖާއަކަށް ވެދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ނަމަވެސް 2019 ގައި ސްކޫލް ކުދިންގެ މެދުގައި ހެދި ގްލާބަލް ޔޫތް ޓޮބޭކޯ ސާވޭ ދައްކާގޮތުން، ސިނގިރޭޓް ބޯ ކުދިންގެ އަދަދު އެ ސާވޭގެ 2011ގެ ނަތީޖާއާ އަޅައި ބަލާއިރު ގާތްގަނޑަކަށް އެއްވަރެއްގައި ދެއްކި ނަމަވެސް 2009 ގެ ހިސާބު ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ ކުދިންގެ ޖުމުލަ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އީ-ސިގިރޭޓް އަދި ޝީޝާ ބުއިމުގައި މި އުމުރުގެ ކުދިން ޝާމިލުވާ މިންވަރު އިތުރުވުން ކަމުގައި ބެލެވިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ނުވުމުގެ މައިގަނޑު ސަބަބަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި މަސައްކަތް ކުރެވޭ ނިސްބަތް މަދުވުން ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެ ތެރޭގައި ދުންފަތަށް ކުދިން ހުށަހެޅޭ މަގުތައް ބަންދުކޮށް، ދުންފަތުގެ ސިނާއަތުން، ދުންފަތް ޕްރޮމޯޓުކުރުމަށް ކުރާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމާއި ދުންފަތުގެ ވިޔަފާރީގެ ހިދުމަތްދޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒު ނުކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބުން އަލަށް ވަންނަ ކުދިންނާއި ޒުވާނުން އިތުރުވާ ކަމަށް ހެކްތުން މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގައި އަހަރަކު 4.5 ޓްރިލިއަން ފިލްޓަރުތައް އުކާލެވޭ އިރު، މިއީ ނުރައްކާތެރި ކެމިކަލާއި މައިކްރޯ ޕްލާސްޓިކް ހިމެނޭ އަދި އޭގެ ޒާތުގައި އޮވެ ފަނާވާން މަދުވެގެން 10 ވަރަކަށް އަހަރުވާ ނުރައްކާތެރި އެއްޗެކެވެ. އަދި އެއީ ދުނިޔޭގައި އެންމެ ގިނައިން އުކާލެވޭ ކުނީގެ ބާވަތުން ކުރެ އެއް ބާވަތެވެ.

ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ކޮންމެ އަހަރަކު ހަ ސަތޭކަ މިލިއަން ގަސް ކަނޑައި ނެތިކޮއްލަންޖެހޭ ކަމަށާއި ރަނގަޅު ކާނާ އުފެއްދުމަށް ބޭނުންކުރެވޭނެ ދުއިސައްތަ މިލިއަން ހެކްޓަރުގެ ބިން އަދި 22 ބިލިއަން ޓަނުގެ ފެން ވެސް މިކަމަށް ބޭކާރު ކުރެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމުގެ މަރުހަލާގައި އަށްޑިހަ ހަތަރު މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް ވައިގެ ތެރެއަށް ބޭރުވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ދުންފަތުގައި ހިމެނޭ 700 މާއްދާގެ ތެރެއިން 70 މާއްދާއަކީ ކެންސަރު ޖައްސާ "ކާސެނެޖިކް" މާއްދާތަކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހާގެ އިތުރުން، ދުންފަތުގެ ދުމަށާއި އާތްވަށް ހުށަހެޅޭ ފަރާތްތަކަށް ފުރާނައަށް ނުރައްކާތެރި ބަލިތައް ޖެހޭ ކަމަށާއި ކާބަންޑައި އޮކްސައިޑާއި މީތޭން އާއި ނައިޓްރަސް އޮކްސައިޑް ފަދަ ގްރީންހައުސް ގޭސްތައްވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ވައިގެ ތެރެއަށް ދޫވެގެންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ފުއްޕާމޭގެ ކެންސަރުގެ 90 ޕަސެންޓަކީ ސީދާ ދުންފަތާ ގުޅިގެންޖެހޭ ކެންސަރު ކަމަށާއި ކެންސަރުގެ އިތުރު 16 ވައްތަރުގެ ސަބަބަކަށް ވަނީ ދުންފަތް ކަމަށެވެ. އަދި ދިގުމުއްދަތަކަށް ނުވަތަ އުމުރުދުވަހަށް ފަރުވާކުރަންޖެހޭ ސްޓްރޯކް، ހިތުގެ ބަލި، ފުއްޕާމެ އާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރުބަލީގެ ސަބަބަކަށް ދުންފަތްވެފައިވާ ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޓީބީ ޖެހުމަށް މަގުފަހިވާ އަދި ޓީބީ އަށާއި ދަރިން ނުލިބުމުގެ މައްސަލަތަކަށް ހޯދާ ފަރުވާގެ ފައިދާ އެންމެ ރަނގަޅަށް ލިބުމަށް ހުރަސްއަޅާ ކަމެއް ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ދަރިން ނުލިބުމާއި ބައިގެން ދިއުމާއި ވިހެއުމުގައި އައިބު ހުރުމާއި ވިހެއުމަށްފަހު ކުއްލިއަކަށް ދަރިފުޅު މަރުވުމާއި ތުއްތު ދަރިފުޅަށް ނޭވާހިއްލުން ފަދަ ބަލިތައްޖެހުމަކީ މައިންބަފައިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ނުވަތަ ދުންފަތުގެ ވިހަތަކަށް ހުށަހެޅުމުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.