ހުޅުމާލޭގައި ހުންނަ ހާނޖީ ރެސްޓޯރެންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ހައްޔަރު ކުރި ޕާކިސްތާނުގެ ކައްކާ، 26 އަހަރުގެ މުހައްމަދު އާބިދުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުގެ މުއްދަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ ފުލުހުން އެކަމަށް އެދި ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުންނެވެ.

އެކަން ހާމަ ކޮށްފައިވަނީ، އާބިދުގެ ބަންދާ ބެހޭގޮތުން ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައެވެ.

އިއްޔެގެ އަޑުއެހުމަށްފަހު މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތެވެ.

ހާންޖީ ރެސްޓޯރެންޓުގައި އޭޕްރީލް 16 ވަނަ ދުވަހު ހިންގި މާރާމާރީއެއްގެ ތެރެއިން މަރާލާފައިވަނީ އެ ރެސްޓޯރެންޓުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ އެމްޑީ ޝާހިން، 29އ އެވެ.

އެހާދިސާއަށް ފަހު ފިލައިގެން އުޅެނިކޮށް އާބިދު ހައްޔަރުކުރި އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފޭސްއިންނެވެ.