ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެކަން ކަށަވަރުކޮށްދެއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ފަނޑިޔާރު އަބްދުއްރައޫފް އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ.
އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ސުލޫކީ މައްސަލައެއް ސާބިތުވެ, މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ.
ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއެކު ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށްވެސް ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.
ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
ޖޭއެސްސީން ބުނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއް ކަމަށެވެ. އަދި ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް މަޖިލީހުން ކަނޑައަޅާފައި ނެތް ކަމަށާއި ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުން ކަމަށެވެ.
ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ނަމަވެސް މި ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށްކަމަށްބުނެ އެ މައްސަލަ ޖޭއެސްސީއަށް އަނބުރާ ފޮނުވައިލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވަނީ އެ މައްސަލަ ނިންމައި މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު