ޚަބަރު

60 ދުވަހުގެ ތެރޭގައި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަންޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ދަސްދޮޅަސް ދުވަހުގެ ތެރޭގައި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ލާމަރުކަޒީ ގާނޫނުގެ 107 މާއްދާގެ ދެވަނަ ބައިގެ (ނ) އަށް މި އިސްލާހު ހުށަހެޅުއްވީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

އެ މާއްދާގައި މިހާރު އޮންނަނީ، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްފަހު ފާސްކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާތައި ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަކަށް އެ އިދާރާއިން ހުއްދަ ދޭންވާނެ ކަމަށެވެ. އެ މުއްދަތު ފާއިތުވާއިރު، އެ ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން ވަކި ކަމެއް ރަނގަޅު ކުރުމަށް އެ އިދާރާއިން އަންގާފައި ނުވާ ނަމަ، ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވީ ކަމުގައި ބަލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ މާއްދާއަށް ނާޒިމު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްފަހު ފާސްކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ރަށުގެ ލޭންޑް ޔޫސްޕްލޭނަކަށް އެ އިދާރާއިން ހުއްދަ ދޭންވާނެ ކަމަށެވެ.

އަދި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ވަކި ކަމެއް އިސްލާހުކުރުމަށް ގައުމީ އިދާރާއަށް ފެންނަ ނަމަ، ރަށު ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހު ކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ވާނެ ކަމަށާއި އެ މުއްދަތު ފާއިތުވާއިރު، އެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް އެ އިދާރާއިން އަންގާފައި ނުވާ ނަމަ ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވީ ކަމުގައި ބަލަންވާނެ ކަމަށް ބުނެފައިވެއެވެ.

ނާޒިމު ވިދާޅުވީ، މި އިސްލާހު ހުށަހެޅުއްވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އަތޮޅުތެރޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް ފަސޭހަކޮށް، ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ފެށުން ލަސްވުމުގެ ސަބަބުން ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ލޭންޑް ޔޫސް ޕްލޭން ގިނަ ރަށްތަކެއްގައި ހެދިފައި ނުވަނީ، އެކަމާބެހޭ ޓެކްނިކަލް ބޭފުޅުން އެކަށީގެންވާ ވަރަށް ނެތުމާއި އެކަމަށް ބޭނުންވާ ބަޖެޓާއި ވަސީލްތަތްތައް ނެތުމުގެ ސަބަބުންނެވެ.