ޚަބަރު

ޓީޗަރުންނަށް މުސާރަ ލިބިއްޖެ، މޫނުމަތީން ފެންނަނީ އުފާވެރިކަން: އެޑިޔުކޭޝަން މިނިސްޓަރު

މުހައްމަދު އިޝާން

މޭ މޭސް ނިމިއްޖެ ކަމަށާއި، މިހާރު ފެންނަނީ މުވައްޒަފުންގެ މޫނުމަތިން ހިނިތުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. އައިޝާ އެގޮތަށް ވިދާޅުވީ ރޭ ކުރެއްވި ޓުވީޓެއްގައެވެ.

މި ޓުވީޓު ކުރެއްވީ، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މި މަހުން ފެށިގެން މުސާރަ ބޮޑުވާތީއެވެ.

"މޭ މަސް ނިމި އާ އޮނިގަނޑަށް ހިޖުރަކުރި ފަރާތްތަކުގެ މުސާރަ ޖަމާވެއްޖެ. މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން" ޑރ. އައިޝަތު ވިދާޅުވިއެވެ.

މިމަހުގެ ފުރަތަމަ ދުވަހު ސަރުކާރުން އަލަށް އެކުލަވާލި "ދައުލަތުގެ ޕޭ ފްރޭމް ވާކް" ގައިވާ ގޮތުން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266 ރުފިޔާ ލިބޭނެއެވެ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467 ރުފިޔާ ލިބޭނެއެވެ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895 ރުފިޔާ ލިބޭނެއެވެ. ޕްރިންސިޕަލުންގެ ތެރެއިންވެސް ރޭންކު އެކެއްގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610 ރުފިޔާ ލިބޭއިރު ރޭންކު ދޭއްގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075 ރުފިޔާ ލިބޭނެއެވެ.

"ދައުލަތުގެ ޕޭ ފްރޭމް ވާކް" އަމަލުކުރަން ފެށުމުން އެކަމުގެ ރަނގަޅު ނަތީޖާ އެ ދާއިރާއިން ފެންނަމުންދާކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވެފައިވަނީ، މީގެ ކުރިން މުސާރަ ކުޑަވުމުގެ ސަބަބުން ތައުލީމާ ދާއިރާ ދޫކޮށްދިޔަ މީހުން ދާއިރާއަށް އެނބުރި އައުމަށް މިނިސްޓްރީއަށް ސިޓީވެސް ފޮނުވަމުން އަންނަ ކަމަށެވެ.

މުޖާހިދު ވިދާޅުވެފައިވަނީ، މީގެ ކުރިން ޕްރިންސިޕަލުން ނުލިބޭ ސްކޫލްތަކަށް މިހާރު ޕްރިންސިޕަލުންވެސް ވާނެ ކަމަށެވެ. އަދި މުސާރަޔަށް ގެނައި ހެޔޮ ބަދަލާއެކު ރަށްރަށަށް ދާނެ ދިވެހި ޓީޗަރުންވެސް ވާނެ ކަމަށެވެ.