ހައްޖަށް ދިއުމުގެ ދައުވަތު ދީފައިވާ ފަރާތްތަކުގެ ތެރެއިން ދައުވަތު ގަބޫލު ނުކުރާ މީހުންގެ ނަން މިއަހަރުގެ ލިސްޓުން އުނިކޮށް އަންނަ އަހަރުގެ ލިސްޓުގައި ހިމެނުމަށް ނިންމާފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވާކަން އެކުންފުނިން އަންގާފައިވާ ފަރާތްތަކުން ހައްޖު ގަބޫލުކުރާކަން ނުވަތަ ނުކުރާކަން، ސޮއިކޮށްފައިވާ ހައްޖު އޮފާ ލެޓާ މެދުވެރިކޮށް މާދަމާގެ ކުރިން އެ ކުންފުންޏަށް އެންގުމަށް އެދޭ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ، މިއަހަރުގެ ހައްޖުގެ ދައުވަތު ގަބޫލުނުކުރާ މީހުން އަންނަ އަހަރުގެ ލިސްޓުގައި ހިމަނާނެ ކަމަށެވެ. އަދި އެ މީހުން ހިމަނަނީ އަންނަ އަހަރުގެ ހައްޖު ލިސްޓުގައި ކުރީގައި ކަމަށެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާކަމުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު އިސްލާމިކް ވަނީ ބުނެފައެވެ.

ރާއްޖެއަށް ލިބިފައިވާ 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާ ވަނީ މިނިސްޓްރީން ހަވާލުކޮށްފައެވެ. ނަމަވެސް އެ 100 ކޯޓާއަށް ކުރިން ކިޔުގައި ތިބި މީހުންނަށް ވެސް ކުރިމަތިލެވޭނެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިދިޔަ ހޯމަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ، ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކޯޓާގެ ތެރެއިން 353 ކޯޓާ ހާއްސަ ކުރާނީ ކުރިން ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ މީހުންނަށާއި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ކަމަށެވެ.

ހައްޖަށްދިއުމަށް އާއްމުންނަށް ހުޅުވައިލި 100 ކޯޓާއަށް ކުރިމަތިލުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފައިވަނީ ހުކުރު ދުވަހު މިއަދަށް މުއްދަތު ހަމަވާ ގޮތަށެވެ.