ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ދާންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

ދާންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިއަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 70.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 52,099 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 529 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އޭގެ އިތުރުން 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 1203 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.