ޚަބަރު

ރޭޕް ކުުރުމުގައި އެހީތެރިވެދިންކަން ހުޒައިފަތުގެ މައްޗަށް ސާބިތެއް ނުވި

އިބްރާހިމް ޒަކީ

ރޭޕްކުުރުމުގައި އެހީތެރިވެދިންކަމުގައި ތުހުމަތުގައި، ބ.ހިތަދޫ ޕިޔާނާގެ ހުޒައިފަތު ރަޝީދު، ގެ މައްޗަށް ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ކުރިި ހުކުމުގައި ވަނީ، ރޭޕްކުުރުމުގައި އެހީތެރިވެދިންކަމުގެ ކުށުގައި ހުޒައިފަތުގެ މައްޗަށް ކުޅަ މިދައުވާ ޝަރީއަތަށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހުށަހަޅާފައިވާ ރިޕޯޓުތަކުގެ ސައްހަކަން ކަށަވަރުކޮށްދޭ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނި މައްސަލައިގެ ތަހުގީގަށް ދީފައިވާ ބަޔާނަކީ ދައުވާ އުފުލުމަށް، ނުވަތަ ދައުވާ ބިނާކުރުމަށް މުހިއްމު އެއްޗެއްކަމަށް ވީނަމަވެސް، ޝަރީއަތުގައި ހެކީގެ ގޮތުގައި ބެލެވޭނީ ޝަރީއަތުގެ މަޖިލީހުގައި ހެކިން ދޭ ހެކިބަސްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާކަމަށާއި، ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއްކަމަށް ވާނެ ކަމަށް އެނގެން އޮންނަކަމަށެވެ.

އެހެންކަމުން އަމަލު ކުރަން އޮންނަ އެއްވެސް އިޖުރާއަތެއް ދޫކޮށްލައިފިނަމަ، މުއްތަހަމަށް ގާނޫނުގައި ލިބިދީފައިވާ ހައްގުތަކުން މަހުރޫމު ވާނެކަމާއި، މިއިން ހައްގަކުން މަހުރޫމްކުރުމަކީ އިންސާފުވެރި ހުކުމާއި ހަމައަށް ވާސިލުވުމަށް ހުރަސް އެޅޭނެކަމެއްކަމާއި، ހުށަހެޅޭ ލިޔުންތަކުގައި ހުންނަ މައުލޫމާތުގެ ފުށުއެރުމާއި، ހިމެނެން ޖެހޭ މައުލޫމާތު ނުހިމެނި، އެފަދަ މައުލޫމާތު އުނިވުމުގެ ސަބަބުން، ތުހުމަތުކުރެވިފައިވާ ކުށުގެ އަމަލު ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނިސްބަތް ނުކުރެވޭނަމަ ނުވަތަ އެކަމުގައި އެކަށީގެންވާ މިންވަރުގެ ޝައްކުތަކެއް ހުރިނަމަ، އެ ދައުވާއެއް އެ މުއްތަހަމެއްގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅުމުގެ ޖާގައެއް ނޯންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބާތިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން އެނގެން އޮތަތީ، ހުޒައިފަތުގެ މައްޗަށް އެ މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައި، ހުކުމްކުރާކަމަށް އެ ހުކުމުގައި ވެއެވެ.